ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މިމަހުގެ 10 - 12 އަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. އާސިމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއި ދިއްލީގައި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް. ޖައިޝަންކަރާއިވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އިސްކަންދޭނެކަމަށް ރާއްޖެއިން ބުނާ ބުނުން ތަކުރާރުކުރައްވާފައިވެއެވެ.
މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ. އާސިމް ވަނީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީންގެ ދައުވަތެއް ބޮޑުވަޒީރަށް އަރުވާފައެވެ. އަދި "ރަނގަޅު ވަގުތެއްގައި" ރާއްޖެއަށް ވަޑައިގަންނަވާނެކަމަށް މޯދީ ވިދާޅުވިކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ.
ރާއްޖެއިން އިންޑިއާއަށް އިސްކަންދިނުމުގެ ސިޔާސަތު ދޫކޮށްނުލާކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އެރުވިއިރު، އިންޑިއާއިން ވަނީ އެޤައުމުން އަވަށްޓެރިންނަށް އިސްކަން ދިނުމުގެ ސިޔާސަތު ރާއްޖޭގެ މައްޗަށް ވެސް އަދިވެސް ހިނގާނެކަމުގެ ޔަޤީންކަން ދީފައެވެ.
މިނިސްޓަރ އާސިމް އިންޑިއާއަށް ވަޑައިގެންފައިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަސް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގައި ބޭއްވި ރަސްމީ ބައްދަލުވުންތަކުގައި ދިއްލީގައި ހުންނަ ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.