ހަތަރުސަތޭކަ ޓަނަށް ވުރެ ގިނަ މަހާއެކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ސޯމާލިއާ ދިދަ ނަގައިގެން ގަވާއިދާ ހިލާފަށް އުޅެނިކޮށް އަތުލައިގަތް ދެ ބޯޓު މިއަދު މާލެ ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ތ. އަތޮޅާއި އދ. އަތޮޅު ބޭރުން ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތް، ދެ ބޯޓުގައި ތައިލެންޑުގެ 22 ފަޅުވެރިން ތިއްބެވެ. ސޯމާލިއާ ދިދަ ނަގައިގެން، ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް ފުރަތަމަ ބޯޓު އަތުލައިގަތީ ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. ދެ ވަނަ ބޯޓު އަތުލައިގަތީ އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ ނޯޓިކަލް މޭލު ބޭރުންނެވެ.
ފުރަތަމަ އަތުލައިގަތް ބޯޓުގައި 200 ޓަނުގެ މަސް ހުއްޓެވެ. އެ ބޯޓުގައި ތިބީ ތައިލެންޑުގެ 10 ފަޅުވެރިންނެވެ. މާމިގިލީ ބޭރުން ބޯޓުގައި 250 ޓަނުގެ މަސް ހުރިއިރު، އެ ބޯޓުގައި ތިބީ ވެސް ތައިލެންޑުގެ ފަޅުވެރިންނެވެ. އެ ފަޅުވެރިންގެ އަދަދަކީ 12 އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެބްޓަން އިބްރާހިމް އާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިއަދު މެންދުރުފަހު 3:00ގައި ދެ ބޯޓު މާލެ ގެންނާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ 250 ޓަނުގެ މަހާ އެކު ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތް ބޯޓަކީ ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި، އެކަމުގެ ހުއްދަ ދިނުމުގެ ކުރިން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ވަން ބޯޓެއް ކަމަށެވެ.
އިތުރަށް ބަލަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.