ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރަން ވިލާތުގެ އިއްތިޙާދުގެ ވަފުދުން އެދުމުން، އެޕޮއިންޓްމަންޓެއް ނުލިބި، ހުކުރު ދުވަހު ފުރިފަހުން، އީޔޫގެ އިތުރު ވަފުދެއް މިއަދު މާލެ އަންނާނެއެވެ.
މިއަދު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ އޮފީހުގެ އިސް ބޭފުޅުންނެވެ.
ކޮޅުނބުގައި ހުންނަ ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައިވާ އީޔޫ އޮފީހުން ބުނީ މިވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީކަމަށެވެ.
ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރާ ވަފުދުގައި އިތުރަށް ހިމެނެނީ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އީޔޫގެ ސަފީރު ޓޫންގް-ލައި މާރގް އާއި ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސަސްގެ ދެކުނު އޭޝިއާ ޑިވިޝަންގެ ވެރިޔާ ކެރޮލިން ވިނޯޓްއެވެ.
މި ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދު އާއި ބައެއް ވަޒީރުންނާއި ބައްދަލުކުރައްވާނެއެވެ. ބައްދަލުވުންތައް ރޭވިފައިވާ ގޮތުގެ ތަފްޞީލު ހާމަކޮށްފައި ނުވިނަމަވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ވަޒީރުންގެ ލިސްޓެއް ދިވެހިރާއްޖެގެ ޚާރިޖިއްޔާއިން ވަނީ އާއްމުކޮށްފައެވެ. އެގޮތުން އީޔޫގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އޮފީހުގެ އިސް ބޭފުޅުންގެ ވަފުދުން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއާއި، ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާއި، ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމްގެ އިތުރުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި، ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ އަދި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އާއެވެ.
އީޔޫގެ އިންތިޚާބު އޮބްޒަރވްކުރާ ވަފުދުން ރާއްޖެއަށް ޒިޔާރަތްކުރުމަށްފަހު، އެބޭފުޅުން އެދިލެއްވި ބައެއް ފަރާތްތަކާއި ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ލިބިފައި ނުވާއިރު، ހުކުރު ދުވަހު އެބޭފުޅުން ފުރާވަޑައިގަތީ ހަފްތާއެއްހާ ދުވަހު ރާއްޖޭގައި މަޑުކުރައްވާފައެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު ވަޑައިގަންނަވާ ވަފުދާއި ބައްދަލުކުރައްވާ ވަޒީރުންނަކީ މިވަގުތު ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ބާރުގަދަ ވަޒީރުންގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅުންނެވެ.