ޖަނަވާރުން މިސާލުޖައްސަވައި ސަރުކާރުގެ ބައެއް އިސްވެރިނަށް ކަމަށް ދޭހަވާގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަނަވާރުންވެސް އެސޮރުމެން ގެންގުޅެ، ބަލައި ބޮޑުކޮށް، ވަރުގަދަ ޖަނަވާރުތަކަކަށް ހެދި މީހާ ދަންނަ ކަމަށެވެ. އަދި ކުއްތާ، އެސޮރު ބަލަހައްޓާ މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާ ނުލާތޯ ޤާސިމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ހަމަ މިއާއި އެކު ރާމާމަކުނުވެސް ހެޔޮކަމެއް ކޮށްދިން މީހާ ނުދަންނާނެތޯ ޤާސިމް ވަނީ ޓްވީތްގައި ސުވާލުކުރައްވާފައެވެ. މި ވާހަކަތަކަށްފަހު، ހަމައެކަނި "އެކަމަކު" އޭ ވިދާޅުވެ ޤާސިމް ވަނީ އެ ޓްވީޓް ނިންމަވާލައްވާފައެވެ.
Janavaarunves dhaney esoru gengulhe balaa bodu koh varugadha sorakah hedhi meehaa . Misaalakah kuhthaa esoru belehehtimeehaa salaamaiy kurumah furaana dhuhvaa laa noonthoa.??? Raamaa makunuves heyokameh kohdhin meehaa dhaney dhehthoa . ??? Ekamaku .......... Qasim
— Qasim Ibrahim (@qasimibrahim) January 12, 2018
ބެލެވޭ ގޮތުގައި ޤާސިމްގެ މި ޓްވީޓް އަމާޒުކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދަށެވެ.
މިނިސްޓަރ ސައީދަކީ ޤާސިމްގެ ޚަރަދުގައި ކިޔަވައިވިދާޅުވެގެން، ޤާސިމްގެ ވިޔަފާރީގެ ތެރެއިން ސަން އައިލެންޑް ރިޒޯޓްގައި ޖެނެރަލް މެނޭޖަރަކަށް ހުންނެވި ބޭފުޅެކެވެ. 2013 އިގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސައީދު ސިޔާސީ ދާއިރާއަށްވެސް ނެރެދެއްވީ ޤާސިމްއެވެ. އެގޮތުން އޭރު ޤާސިމްގެ ކެމްޕެއިންގައި ސައީދު ވަނީ އިސް ރޯލެއް އަދާ ކުރައްވައި، ޕޯޑިއަމްތަކުގައި ޤާސިމްއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައި ހުޝާމަދުވެސް ކުރައްވާފައެވެ.
ސައީދު މިނިސްޓަރުކަމަށް ވަޑައިގަތީ ރިޔާސީ އިންތިޚާބަށްފަހު އުފެދުނު ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓެއްގައެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަކިވުމަށް ޖުމްހޫރީ ޕާޓީން ނިންމި ހިސާބުން ޤާސިމާއި ޖުމްހޫރީ ޕާޓީއަށް ފަސްދެއްވައި ސައީދު އިޚްތިޔާރު ކުރެއްވީ މަޤާމެވެ. މަޤާމުގައި ދެމިހުންނެވުމަށް ޖުމްހޫރީ ޕާޓިން ވަކިވެވަޑައިގެން އޭރު ސައީދު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.
ޕީޕީއެމް އާއި ގުޅިވަޑައިގަތް ހިސާބުން މިނިސްޓަރ ސައީދު ފާހަގަ ކުރެވިގެން ދިޔައީ ސިޔާސީ ޕޯޑިއަމްތަކުގައި ރައީސް ޔާމީނުގެ ދެކަންބަލުންނަށް އިންތިހާއަށް ހުޝާމަދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން ރައީސް ޔާމީނަށް މިނިސްޓަރ ސައީދުގެ އިޚުލާސްތެރިކަމުގެ ހެކި ދެއްކެވުމުގެ ގޮތުން ކަމަށް ސިފަވާގޮތަށް އެކި ފަހަރުމަތިން ސައީދު ވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިނިސްޓަރ ސައީދަށް ރައްދުވާފަދަ ޓްވީޓެއް ހުކުރު ދުވަހު ޤާސިމް ކުރެއްވިއިރު، ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމްއިން އއ. މަތިވެރީގައި ބޭއްވި ޖަލްސާއެއްގައި ސައީދު ވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެ ޖަލްސާގައި ޤާސިމަށް ރައްދުކުރައްވައި ކަމަށް ދޭހަވާގޮތަށް ފާޑުވިދާޅުވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އަރިއަތޮޅުގެ ތަރައްޤީއަށް ބައެއް ސިޔާސީ ޕާޓީތަކުން ހުރަސްތައް ކުރިމަތިކުރާ ކަމަށާއި، އެފަދަ ޕާޓީތަކުން އެގޮތަށް ކަންކުރަނީ ބައެއްގެ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށެވެ. ސައީދު އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިއެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށް އެއްވެސް ރަށެއް، ނުވަތަ އަތޮޅެއް އޮންނަޖެހޭނެ ކަމަށް ރާއްޖޭގެ ޤާނޫނުއަސާސީގައި ނެތް ކަމަށެވެ.