ގއ. ވިލިނގިލީގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ކުޑަކުއްޖަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތަށް ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވިލިނގިލިން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެއެވެ.
ފުލުހުން އެ މައްސަލައާ ގުޅޭ ތަފްސީލެއް ނުދެއެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ޖިންސީ މައްސަލަތަކާ ގުޅޭ ނުވަ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަމުންދާއިރު، މިދިޔަ އަހަރު ވެސް ފުލުހުންނަށް ޖިންސީ މައްސަލަތަކާ ގުޅޭ 417 މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަދަކަމުން ޖިންސީ އަމަލު ހިންގުމާއި އޮރިޔާންކާޑު އުފެއްދުމާއި ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތައް ހިމެނެއެވެ.