އައްޑޫ ސިޓީ، ފޭދޫ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭތީ އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ހިތަދޫ، ގާދޫގޭ، އުމުރުން 18 އަހަރުގެ މުހައްމަދު އަސްވާގުއަށެވެ. އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަސްވާގުގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހަށިގަނޑު އެހެން ދިމަދިމާލުން، ވެސް މަށައިގެން ގޮސްފައިވާ ކަމަށެވެ.
ނަޖީބު ވިދާޅުވީ މިއަދު މެންދުރު އޭނާ މާލެ ފޮނުވާލެވޭނެ ކަމަށާއި މާލެ ގެންދިއުމުގެ ހަރަދު އާސަންދައިން ހަމަޖެހިފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ. ބާރު ސްޕީޑުގައި ދެ މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް، ހިނގައިފައި ދިޔަ ބިދޭސީއެއްގެ ގައިގައި ޖެހި، އެ ބިދޭސީ މީހާއަށް ވެސް އަނިޔާވެފައި ވެއެވެ.
އައްޑޫ ސިޓީ، ލިންކުރޯޑްގައި މިދިޔަ މަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކަށް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފައެވެ.