ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޯޓެއް ފެނިއްޖެނަމަ ކޯސްޓްގާޑާއި އެމައުލޫމާތު ހިއްސާ ކުރެއްވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސް ކޮށްފި އެވެ.
ތޫފާން އޮކިއާ ގުޅިގެން އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބެލުމަށާއި، އެފަދަ އުޅަނދެއް ފެނިއްޖެނަމަ ކޯސްޓްގާޑުގެ 191 ނަމްބަރަށް ގުޅައި އެކަން ހިއްސާކުރުމަށް އެދޭ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ، އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަން، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ސްރީލަންކާ ކޯސްޓްގާޑުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ތޫފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމަށް އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރިންގެ ޖަމާއަތަކުން، އިންޑިއާގެ ކޮމާޝަލް 8 ބޯޓެއް 36 މީހުންނާއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމުގެ މައުލޫމާތު އިންޑިއާގެ އެމްބަސީ އިން އެމްއެންޑީއެފް އާ ހިއްސާކޮށްފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެއެވެ.