މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ބޭނުމަށް އެމްޑީޕީގެ މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައި ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ މެނިފެސްޓޯއެއް ތައްޔާރު ކުރާނެ އޮފީސް އައްޑޫ ސިޓީގައި ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ތައްޔާރުކުރާ މެނިފެސްޓޯ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ހިއްސާކޮށް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްކޮށް މަސައްކަތް ކުރާއިރު އެ މެނިފެސްޓޯ ބޭނުންކުރެވޭނެ ކަމަށެވެ. މި ޖަލްސާގައި ހަސަން ލަތީފު ވަނީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު މި ސަރުކާރުން ނައްތާލަން މަސައްކަތް ކުރި ނަމަވެސް އެމްޑީޕީން އެހެން ޕާޓީތަކާ ގުޅިގެން ދެން އުފައްދާ ސަރުކާރެއްގައި އެ ނިޒާމް ދަމަހައްޓާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
"ލާ މަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ނިޒާމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން އެކުލަވާލާ ސަރުކާރުގައި މި ނިޒާމް އަލުން ގެންނާނަން،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ގާއިމުކުރި ދަތުރުފަތުރުގެ ނިޒާމު ވެސް މި ސަރުކާރުން ހަލާކުކޮށްލާފައިވާ ކަމަށާއި އެ ނިޒާމު ފުރިހަމަވުމުން ހއ. ތުރާކުނުން އައްޑޫ އަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ. އަދި ގުޅިފައިވާ ސަރުކާރުން އެ ނިޒާމު ފުރިހަމަކުރާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށާއި އެކަމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑޭޓަކު މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި "ރައީސް ޔާމިން ބަލިކުރާނެ" ފޯމިއުލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެނގޭ ކަމަށެވެ. އަދި އިންތިހާބުގައި އެ ފޯމިއުލާ ބޭނުންކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ފޯމިއުލާއެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
"ރައްޔިތުން ބޭނުން ވަނީ އެކަކާއި ތިނެކާ އެއްކޮންގެން ހަތަރެއް ގެންނަން ބޭނުންވާ ކަމަށް ވާނަމަ އެ އަދަދު ގެންނާން. ދެއަކާއި ދެއަކާ އެއްކޮށްގެން ހަތަރެއް ގެންނަން ބޭނުންވާ ކަމަށް ވާނަމަ އެގޮތަށް ހަތަރެއް ގެންނަން. ތިނެކާއި އެކަކާ އެއްކޮށްގެން ހަތަރެއް ގެންނާން ބޭނުންވާ ކަމަށް ވާނަމަ އެގޮތަށް ވެސް ގެންނާން. ހަތަރެއް އެއީ ރައީސް ޔާމިން ބަލިވާނެ އަދަދު ކަމަށްވަންޏާ އެއީކީ އަޅުގަނޑުމެން ހަތަރު ޕާޓީއަށް ދެބަސް ވެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.