އެންމެ އިސްކަމެއްދީގެން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ މެމްބަރުންނަކީ ވަކި ނުވާ މެމްބަރުންކަން ޔަޤީންކޮށްދިނުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓިތަކުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި އިއްވެވި ރައީސް މައުމުންގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، މިވަގުތު އެންމެ އިސްކަންދޭންވީ ރައްޔިތުންގެ މަޖިލީސް އޭގެ ޤާނޫނީ ހައިސިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭ ހިސާބަކަށް ގެނެސްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ، ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެފައި އޮތުމުގެ ބަދަލުގައި، އެއީ ޤާނޫނު ހެދުމުގެ ބާރު ފުރިހަމައަށް ލިބިފައިވާ، އަދި ސަރުކާރު ޒިންމާދާރުކުރުވުމުގެ ކެރިކުޅަދާނަކަން ލިބިފައިވާ، އަދި ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ އަޑު އިއްވޭ ތަނަކަށް ހެދުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޤައުމުގެ ކަންތައްތަކަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ފެށެންވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެމަޖިލީހުން ފާސްކުރެވޭ ޤާނޫނުތަކުންނެވެ. އެމަޖިލީހުން ނިންމާ ނިންމުތަކުންނެވެ. ޤާނޫނު އަސާސީގައިވާގޮތުން ދައުލަތުގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ވެރިކަން ދެމިއޮންނަނީ ވެސް ރައްޔިތުންގެ އަތްމަތީގައެވެ. އެހެންވީމާ، ދައުލަތުގެ ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރެވޭނީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ތިއްބަވާ ރައްޔިތުންގެ މަޖިލީސް ހަރުދަނާ ވެގެންނެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލީސް މިހާރު އެއޮތް ޙިޞާރުކުރެވުމުން ސަލާމަތްކުރުން ކަމަށެވެ. އަދި މަޖިލީހުން ވަކިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ މެންބަރުންނަކީ ވަކިނުވާ މެންބަރުންކަން ޔަޤީންކޮށްދިނުން ކަމަށާއި، މަޖިލީހަށް ވަންނަން މަސައްކަތްކުރުމުން ކުށްވެރިވެދާނެކަމުގެ ބިރު ކުރިމަތިކޮށްފައި ތިބި މެންބަރުން އެ ބިރުން ސަލާމަތް ކޮށްދިނުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަށް އޭގެ ދުސްތޫރީ ހައިސިއްޔަތު ފުރިހަމައަށް ހޯދައިދިނުމެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރުވެރިކަމާއެކު، އަޅުގަނޑުމެން ކުރަމުން މިގެންދާ ސިޔާސީ އިސްލާޙުގެ މަސައްކަތް ކާމިޔާބުކުރުމެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.