ގުޅިފައިވާ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ ތާއީދު ބޮޑުވާނެ ކެނޑިޑޭޓެއް ނެރޭނެ ކަމަށާއި އެ އިންތިޚާބު 80 ޕަސެންޓުން ކާމިޔާބުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަހަރު ބޭއްވި ފުރަތަމަ ޖަލްސާގެ ގޮތުގައި ޤާސިމްގެ އުފަންރަށް މާމިނގިލީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޤާސިމްގެ ފަރާތުން ފޮނުއްވި ޚިތޯބުގައި ވިދާޅުވީ ޤައުމީ ނަޒަރަކުން ބަލާއިރު ޤައުމު މިވަނީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައި ކަމަށާއި ނުރައްކާތެރި ބަލިމަޑުކަމަކަށް ޤައުމު މިވަނީ ވެއްޓިފައި ކަމަށެވެ.
މިއަދު ޤައުމުގައި އަމާން ކަމެއް ނެތް ކަމަށާއި ކޮރަޕްޝަނާއި ފަސާދަ ޢާއްމުވެ، މީހުންގެ މުދަލާއި ދައުލަތުގެ ފައިސާ ޖަހައިގަނެވުނު ތާކުން، ޖަހައިގަނެވުނު ވަރަކަށް ދަނީ ޖަހައިގަންނަމުން ކަމަށެވެ. ކިތައްމެ ރީތި ފޭރާމެއް ލިޔަސް އޭގެ ރީތިކަމެއް އެއްވެސް ދިވެހި ރައްޔިތަކަށް ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މުޅި ސިސްޓަމް ފޭލްވެ، މިވަނީ ކޮރަޕްޓް ވެފައި ކަމަށާއި މިކަމުން ސަލާމަތް ވުމަށް ވަރުގަދަ ޖިހާދެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ މިކަމުން ސަލާމަތް ވުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޤާނޫނީ އިމަށް ރުޖޫއަވުން ކަމަށާއި ޤާނޫން އަސާސީއާ ޤާނޫނުގެ މަގަށް ރުޖޫއަވުން ކޮންމެ މީހަކަށް ވެސް ހަމަޔަތާއި އިންސާފު ލިބުން ކަމަށެވެ. ތިމާއަކީ މާމޮޅު މާބާރުގަދަ މީހެއް ކަމަށް ހީކޮށް އެއްވެސް މީހަކާ މެދު ބޭއިންސާފްވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިއަދު ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވަމުންދާ ވާހަކަ އެންމެން ވެސް ދައްކަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަމުން އެދަނީ ޤާނޫނީ އެއްވެސް އިމެއް ނެތި ކަމަށެވެ.
މެންބަރަކު ވަކިވިކަން އިލެކްޝަނަކަށް ނުނިންމޭނެ ކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ އެކަން ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެނޫން ތާކުން އެކަން ކުރާ ނަމަ އެކުރެވެނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. ޤާސިމް ވިދާޅުވީ މިޚައްސާސީ ދަނޑިވަޅުން ސަލާމަތްކޮށް ޤައުމުގެ އަމަންއަމާންކަން ޤާއިމް ކުރުމަށް މިކަން ހައްލުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލާ ކަމަށެވެ.
ޤާސިމް ވިދާޅުވީ މިކަމުން ސަލާމަތް ވުމަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ދަނީ އެކަން ކުރަމުން ކަމަށެވެ. ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މީހަކު ނެގުމަށް މަސައްކަތް ކުރަމުން ޕާޓީތަކުން ކުރަމުން އަންނަ ކަމަށާއި އެންމެން ބޭނުންވާ މީހަކު ނެގުމަށް ޖޭޕީ އޮންނާނީ ތައްޔާރަށް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެފަދަ ކެނޑިޑޭޓެއް ނެގުމަށްޓަކައި ހުރިހާ ޕާޓީތަކުން ވެސް އަމިއްލަ މަސަލްހަތު ދޫކޮށް ޤައުމީ ރޫހެއްގައި މަސައްކަތް ކުރުމަށް ޤާސިމް ގޮވާލެއްވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އިރާދަ ކުރެއްވިއްޔާ އެންމެ ތާއީދު ބޮޑު ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި އެކެނޑިޑޭޓް މޮޅުވާނީ 80 ޕަސެންޓަށް ވުރެ މަތިން ކަމަށެވެ.
"އެންމެން އެކައްޗެއް ކިޔައިގެން މިކަން ކުރާނީ. ވަކިވަކިވުމުގެ ހިތި ނަތީޖާގެ ރަހަ ފެނިއްޖެ. އެތަޖުރިބާގެ އަލީގައި 2018 އާއި 2019 ކާމިޔާބު ކުރަން ޖެހޭ. އެކަމަށް ހުރަސްއެޅޭ ކޮރަޕްޝަނގެ ފައިސާއިން ދިވެހި ރައްޔިތުން ފެނެއް ނުވަރާނެ" ޤާސިމް ވިދާޅުވިއެވެ.