ވެރިކަން ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އިދިކޮޅު ފަރާތްތައް ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް އެ "ހިތިކަން ދައްކާލާނެ" ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތައް ގުޅިގެން، އދ. މާމިގިލީގައި ކުރިއަށް ގެންދާ ޖަލްސާގައި ލަތީފް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ މަކަރުވެރި ހީލަތްތެރި ރައީސެއް ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ލަތީފު ވިދާޅުވީ ވެރިކަން ކުރުމަކީ ރައްޔިތުންނަށް އޯގާތެރިވުން ކަމަށާއި ދީނުގެ ނަމުގައި ސަރުކާރުން ނާޖައިޒު ފައިދާ ނަގައިގެން ނުވާނެ ކަމަށެވެ.
"މަކަރުވެރިކަމުގެ ހީލަތްތެރިކަމުގެ ރައީސެއް މިއީ. އަޅުގަނޑު ދަންނަވާނީ އިރާދަ ކުރެއްވިއްޔާ މިވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. ކޮށްފަ ނިންމާފަ ދައްކާނަން އިރާދަ ކުރެއްވިއްޔާ،" މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންގެ ލޯތްބެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓެއް ވެސް ނުލިބޭނެ ކަމަށެވެ. އަބަދު ނުލަފާކަން ދައްކައިގެން ރައީސް ޔާމީނަށް ނޫޅެވޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތައް ގުޅިގެން އެމަނިކުފާނަށް ހިތިކަން ދައްކާލާނެ ކަމަށް ލަތީފު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތައް ތިބީ ސާބިތުކަމާއެކުގައި ކަމަށާއި ޕާޓީތަކުގެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ދޭން އޮތް އުފާވެރި ޚަބަރަކީ އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު އިރާދަ ކުރެއްވިއްޔާ ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ ގުޅުންތައް ދާނީ ބަދަހިވެގެން. އިރާދަ ކުރެއްވިއްޔާ ވެރިކަން ނިމުމަކަށް ގެންނާނަން. ޔާމީނަށް އަޅުގަނޑުމެންގެ ހިތިކަން ދައްކާލާނަން. އަޅުގަނޑުމެންގެ ހިތިކަން ދައްކާލާނަން... އަޅުގަނޑުމެންގެ ހޫނުކަން ދައްކާލާނަން. އަޅުގަނޑުމެންގެ ލޭގައި ހުރި ފަންވަރު ދައްކާލާނަން،" ލަތީފު ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރުންނަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ފިއްތުންތަކާއި ދެމުންދާ އަނިޔާތަކުގެ ވާހަކަ ލަތީފުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. ސަރުކާރުވެ ރައްޔިތުންނަށްވެފައިވާ ވައުދުތައް ނުފުއްދޭތީ އެ ކަންތައްތަކަށް ވެސް ލަތީފު ވަނީ ފާޑުވިދާޅުވެފައެވެ.
"ރައްޔިތުން އުންމީދު ކަނޑާނުލާ. އުންމީދު ކަނޑާލަން ކައިރިވެސް ނުވޭ. މަންޒިލާ ހަމައަށް ދެވޭނެ. މަގުސަދާ ހަމައަށް ދެވޭނެ. ކާމިޔާބު ކުރާނަން އިރާދަ ކުރެއްވިއްޔާ،" ލަތީފު ވިދާޅުވިއެވެ.