ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައިވަނިކޮށް ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާފައި ވަނީ ބުރަސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ބައްދަލުކުރެއްވުމުގައި މަޝަވަރާކުރެވުން ކަންތައްތަކުގެ މާބޮޑު ތަފްސީލެއް ހާމަނުކޮށް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ ދެ ބޭފުޅުންގެ ވާހަކައިގައި ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރެއްވި ކަމަށެވެ. އަދި ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެ އިތުރުން މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް ޕޮލިސީ" ގެ މައުލޫމާތު ޑރ. އާސިމް، އިންޑިއާގެ ބޮޑު ވަޒީރާ ހިއްސާކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓަރު އާސިމްގެ ވާހަކައިގައި އިންޑިއާ އިން އިޤްތިސާދީ ގޮތުންދޭ އެހީތެރިކަން ވެސް ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ބައްދަލުވުމުގައި އިންޑިއާގެ ބޮޑު ވަޒީރު ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން ހަރުދާނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވި ކަމަށެވެ. އަދި އިންޑިއާ އަބަދުވެސް ރާއްޖޭގެ އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށާއި، ހުރިހާ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުނެއެވެ.
ޑރ. އާސިމް އިންޑިއާއަށް ވަޑައިގެންފައި މިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެ އިން ޗައިނާއާ އެކު ގުޅުން ބަދަހިކުރަމުންދާ މައްސަލައިގައި އިންޑިއާ އިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިިދިޔަ ބުރާސްފަތި ދުވަހު ވެސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖާސަބާގައި ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައި ވެއެވެ.