ޑެންގީ ހުން ފެތުރިދާނެކަމުގެ ބިރު އޮތުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމަސްކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އޮތުމާ އެކު ހުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން މަދިރި ހެދުމުން ރައްކާތެރިވުމާއި، މަދިރި މަދުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މަދިރި އާލަވުން މަދުކުރުމާއި، ޑެންގީ ބައްޔަށް ރައްޔިތުން ހޭލުންތެރިކުމުގެ މަސައްކަތްތައް ފަށާފައި ވާކަމަށެވެ. އަދި ޑެންގީ ބަލި ދެނެގަތުމާއި ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އެގޮތުން ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓާރކޮށް، ޑެންގީ ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންގެންދާނެ ކަމަށް އެޖެންސީން ބުނެއެވެ.
ޑެންގީގެ އަލާމަތްތައް:
- ހުން އައުން
- ބޮލުގައި ރިއްސުން
- ލޮލުގައި ރިއްސުން
- ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން
ހުން އައުމުން ސަމާލުކަންދޭންޖެހޭ ކަންތައްތައް:
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ޕެރެސިޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން
- ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ، ޑެންގީގެ ނުރައްކާތެރި އަލާމަތްތައް ކަމުގައިވާ (ކުޑަކަމުދެވޭ މިންވަރު މަދުވުން، އާދަޔާ ހިލާފަށް ވަރުދެރަވުން، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން) ފަދަ ކަމެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިޔެއްގެ ލަފަޔާއި އިރުޝާދު ހޯދުން.