ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރު ފެށޭއިރު ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ބުދަ ދުވަހުގެ ރޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ މަޖިލިސް ހުޅުވުމާއެކު އެމަޖިލީހަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ދެ ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން ހުށަހަޅުއްވާ ފުރަތަމަ އިސްލާހަކީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރަށް ހުށަހަޅުއްވާ އިސްލާހެއް ކަމަށެވެ. އެ ޗެޕްޓަރުގައި ހިޔާނާތްތެރިވުމުގެ އިތުރުން ބަޣާވާތް ކުރުމުގެ ކުށް ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.
ދެވަނަ އިސްލާހަކީ ކޮރަޕްޝަނާ ގުޅުން ހުރި ކުށްތަކާ ގުޅޭ އިސްލާހެއް ކަމަށް އަނިލް ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތުގައި މިހާރު ވެސް ކޮރަޕްޝަނުގެ ކުށް ހިމެނެއެވެ. ނަމަވެސް އަނިލް ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ބެހޭ ބަޔަށް އިސްލާހު ހުށަހަޅުއްވަނީ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ އަދަބުތައް ބޮޑު ކުރުމަށް ކަމަށެވެ.
އަނިލް ވިދާޅުވި ގޮތުގައި ކޮރަޕްޝަނާ ގުޅޭގޮތުން ގާނޫނުލް އުގޫބާތަށް ހުށަހަޅާ އިސްލާހުތަކުގައި ކޮރަޕްޝަނާއި ހިޔާނާތްތެރިވުމާއި ރިޝްވަތު ދިނުމުގެ މައްސަލައަށް ހާއްސަ އިސްކަމެއްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތު ތަންފީޒު ކުރުން އެކި ފަހަރު މަތިން ލަސްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތު ފާސްކޮށްފައި ވަނީ އޭޕްރީލް 1، 2014 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރައްވާފައި ވަނީ އެމަހުގެ 13 ވަނަ ދުވަހު އެވެ. އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށާފައި ވަނީ ޖުލައި 16، 2015 ވަނަ ދުވަހު އެވެ.