ވަކި މީހަކަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ. އިން ނާންގާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އަނިލް ވިދާޅުވީ ވަކި މީހަކު އިންތީޚާބުގައި ވާދަކުރާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއިންވެސް ނުބުނާނެ ކަމަށާއި، އެއީ އދ.ގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމުގެ މައްސަލައިގައި އިޖްރާއީ ގޮތުން މައްސަލަތަކެއް ހުރިކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ނިންމަފާނެ ކަމަށާއި، އެހެން ނަމަވެސް އެއީ ހަމައެކަނި އެކޮމިޓީއިން ދެކޭ ގޮތްކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އެހެން ނަމަވެސް ހުކުމް ބާޠިލްކުރުމުގެ ބާރެއް އެމީހުންނަށް ނޯންނާނެކަމަށާއި، އެކަން ކުރެވޭނީ ހަމައެކަނި ރާއްޖޭގެ ކޯޓުތަކަށް ކަމަށް އަނިލް ވިދާޅުވިއެވެ.
އަނިލް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީއިން ނިންމާނެ ކަމަށް އދ.ގެ ޚާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުންވެސް ދަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށް ބުނަމުންނެވެ.
އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ޖިނާޢީ ޙުކުމެއް އައިސްފައިވާތީ، ޖަލުތަކާއި ޕެރޯލްގެ ޤާނޫންގެ ދަށުން ސިޔާސީ ޕާޓީއެއްގެ މަޤާމު އަދާނުކުރެވޭނެ ކަމަށެވެ. އަދި ޝެއިޚް އިމްރާނާއި، ޤާސިމް އިބްރާހިމްއާއި ރައީސް ނަޝީދަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ނޫން ކަމަށާއި، އެބޭފުޅުންނަށް ހުކުމްތަކުގެ ސަބަބުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އަނިލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޕާޓީތަކުން ފަށަން ތައްޔާރުވަމުން އަންނައިރު، އިދިކޮޅު ފަރާތްތަކުން ދަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެންޑިޑޭޓް ނެރުމަށް މަޝްވަރާތައް ކުރަމުންނެވެ. ގުޅިފައިވާ އިިދިކޮޅު ކޯލިޝަނުން ބުނީ ޕާޓީތަކަށް އެއްބަސްނުވެވޭ ކަމެއް ނެތްކަމަށާއި، ނެރޭ ކެންޑިޑޭޓަކާއެކު ހުރިހާ ޕާޓީތަކެއް ވެސް އޮންނާނެ ކަމަށެވެ. ޕީޕީއެމްއިން އެޕާޓީގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް ދިނުމަށް ވާހަކަ ދައްކަމުން އަންނައިރު، ރައީސް ޔާމީނާއި ވާދައަށް ނިކުންނަން ތިބި ހުރިހާ ލީޑަރުން ތިބީ ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާތަކެއްގައި ހުކުމްކޮށްފައި ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ގަބޫލުކުރެ އެވެ.