ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާބެހޭ ޚާއްސަ ވަފުދެއް ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ހޮނިހިރު ރާއްޖެއަށް އައުމަށް ނިންމައިފި އެވެ.
ސްރީލަންކާގައި ހުންނަ އީޔޫގެ އޮފީހުން ބުނީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީއާއި، ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެލިގޭޝަންގެ އިސްވެރިޔާ ތުން-ލައި މާގްގެ އިތުރުން ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސްގެ ދެކުނު އޭޝިއާ ޑިވިޝަންގެ ވެރިޔާ ކެރޮލިން ވިނޮޓްއެވެ.
މި ބޭފުޅުން 3 ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި ތިއްބަވާނެއެވެ.
މިވަފުދުގެ ބޭފުޅުން ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމްއާއި، ތިމާވެއްޓާބެހޭ ވަޒީރު ތޯރިޤް އިބްރާހިމްގެ އިތުރުން ދާޚިލީ ވަޒީރު އަޒްލީން އަހުމަދު އާއި، ދިފާޢީ ވަޒީރު އާދަމް ޝަރީފާއި، ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީއާއި ބައްދަލުކުރައްވާނެއެވެ. އަދި މީގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލްއާއި ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ކޮޅުނބުގައި ހުންނަ އީޔޫ އޮފީހުން ބުނެއެވެ.
ސަރުކާރުގެ ވެރިންގެ އިތުރުން ވެރިކަންކުރާ ޕާޓީ ޕީޕީއެމްއާއި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކާއި އަދި މަދަނީ ޖަމްއިއްޔާތަކާއި މިވަފުދުގެ ބޭފުޅުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި މިއަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބާއި، ސިޔާސީ މަސްރަހާއި އަދި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ހަމައެއާއިއެކު، އީޔޫ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށްވެސް މަޝްވަރާކުރެވޭނެއެވެ.
ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސްގެ ވަދުފެއް ރާއްޖެއަށް މި އަންނަނީ، އީޔީގެ އިސް ބޭފުޅުންގެ އެހެން ވަފުދެއް ރާއްޖެއަށް ކުރައްވާ ޒިޔާރަތް ނިމޭތަނުންނެވެ. 2014 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދު ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށް މިހާރުވެސް 5 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރާއްޖޭގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.
2014 ގައި ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ ޔޫރަޕިއަން ޕާލިމަންޓްގެ ސޮލޮވާކިއާގެ މެމްބަރު އަދި އެގައުމުގެ ކުރީގެ ފޮރިން މިނިސްޓަރެވެ. އެ ވަފްދުން ވަނީ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހު އިންތިޚާބު އޮބްޒާވްކޮށްފައެވެ. އަދި އެ ދަތުރަ ފަހު އެ ވަފްދުން ވަނީ ހާއްސަ ރިޕޯޓެއް އެކުލަވާލައި ކުރިއަށް ހުރި އިންތިޚާބުތަކަށް ހާއްސަ ރިކޮމެންޑޭޝަންތަކެއް ދީފައެވެ.