އިދިކޮޅު ކޯލިޝަނުން އދ. މާމިގިލީގައި ބާއްވާ ބޮޑު ޖަލްސާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަށް، އދ. މާމިގިލީގައި ބާއްވާ ޖަލްސާއަކީ މިއަހަރު ބާއްވާ އެންމެ ފުރަތަމަ، ސިޔާސީ ބޮޑު ރެލީއެވެ. މާމިގިލީގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕާޓީތަކުގެ އިސް ބޭފުޅުން އެ ރަށަށް މިއަދު ހެނދުނު ވަޑައިގަތުމުން، ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ގިނަ އަދަދެއްގެ މީހުން މިރޭގެ ޖަލްސާގައި ބައިވެރިވާނެ ކަމަށާއި މުޅި ރަށް އޮތީ އެ ޖަލްސާއަށް ތައްޔާރުވެފައި ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނާއެކު، އިދިކޮޅު ޖަލްސާ އެ ރަށުގައި މިރޭ ބާއްވާނީ މާމިގިލީ ބަނދަރު ސަރަހައްދުގައެވެ. މި ޖަލްސާ ރާއްޖެ ޓީވީން ވަގުތުން ގެނެސްދޭނެ އެވެ.