މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަކަށް އަރާ، މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރު ކުރި "ފަޒާ" ނަމަކަށް ކިޔާ ދޯންޏެއް ބ.އޭދަފުށީ ކައިރީ އޮންނަ ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ ދަންވަރު 02:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ޑަރިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ ފަރަށް އެރި 75 ފޫޓުގެ މި ދޯންޏަކީ ރ.އަތޮޅުގައި އަލަށް ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރި ކަމަށާއި މިހާދިސާގައި ދޯނިން ދަތުރުކުރި ދިވެހި މީހާއަށް އަނިޔާވެގެން ބ.އޭދަފުށީ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ނޮަދަން އޭރިއާގެ ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހަފްތާގައި ހދ. އަތޮޅުގެ ފަސް ރަށަކުން 80 އަށް ވުރެ ގިނަ މީހުން އަރުވައިގެން ދިޔަ ފެރީއެއް، ފަރަށް އަރާފައި ވެއެވެ. މީގެއިތުރުން ތ.ބުރުނީގެ "ނޫރު" ނަމަކަށް ކިޔާ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.