ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ބައެއް ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ހަދަން ނިންމާފައިވިޔަސް، އެއިން އެއްވެސް ފުޑް ކޯޓެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭ އުސޫލަށް ނުފެތޭކަން ހާމަވެއްޖެ އެވެ.
ރާއްޖެޓީވީން ބެލިބެލުމުން އެނގުނު ގޮތުގައި ކެފޭ، ހޮޓާ، ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭ އުސޫލަށް ހާބަރު ސަރަހައްދުގައި ހަދާ ފުޓްކޯޓުތައް ނުފެތެއެވެ. އެ ގަވާއިދުގައި ބުނާ ގޮތުން ކެފޭގައި ހިދުމަތް ދޭ ސަރަހައްދުގެ 400 އަކަފޫޓަކީ ކަސްޓަމަރުންނަށް ހިދުމަތް ދޭ ސަރަހައްދަށް ވާންޖެހޭނެ އެވެ. ކެފޭގެ ދެބައިކުޅަ އެއްބަޔަށްވާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭނަމަ، އެތަނަކީ ހާމަކަންބޮޑު ތަނަކަށް ވާންޖެހޭނެ ކަމަށާއި މަތި ހިޔާކޮށްފައިވާ ތަނަކަށްވެގެން ނުވާނެ ކަމަށެވެ.
ހާބަރު ސަރަހައްދުގެ ފުޑްކޯޓުތަކަކީ ޕާޓްޝަން ޖަހައިގެން ވަކިކޮށްފައިވާ ތަނަކަށް ނުވުމާއި ސަތަރި ދަމައިގެން ހިޔާކުރާތަނަކަށްވާތީ، އެތަނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދެވޭ ތަނަކަށް ނުވެއެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާ ކުރުމުގެ ހުއްދަ ދޭނަމަ، އެތަނުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ދުންފަތުގެ އަސަރު ކުރާނެއެވެ.
"ރާއްޖެޓީވީ"އަށް އެނގިފައިވާ ގޮތުގައި އެކަމުގެ ކަންބޮޑުވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެސްޓީއޯއަށް ހުށަހަޅާފައިވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދުގެ ދަށުން އެޗްޕީއޭއިން އެސްޓީއޯއަށް ސިޓީ ފޮނުވާފައި ވިޔަސް، އެކަމާ ގުޅޭ ގޮތުން ރަސްމީ ކޮމެންޓެއް އެޗްޕީއޭއަކުން ނުކުރިއެވެ.
ހާބަރު ފުޑްކޯޓުގެ ގޮތުގައި ހަދާ 26 ކެފޭ ކުއްޔަށް ހިފަން ޝައުގުވެރިވާ މީހުންނަށް އެސްޓީއޯއިން ފުރުސަތު ހުޅުވާލާފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދެއްގެ ގޮތުގައެވެ. ހާބަރުގައި އެސްޓީއޯއިން ހަދާ ތިން ސައިޒުގެ ކެފޭތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އިއްޒުއްދީން މަގާވީ ފަޅީގައި ހަދާ 12 ފުޑް ކޯޓުގައެވެ.
އާއިލާތައާއެކު ހިތްފަސޭހަ މާހައުލެއްގައި ކައި، ބޮއެ ހެދޭ ގޮތަށް ތަރައްގީ ކުރަން ނިންމި ފުޑް ކޯޓުތަކުގެ ބައެއް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް އެސްޓީއޯއިން ނިންމާފައިވުމުން އެކަމުގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.