ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދުދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.
މި އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ހެނދުނު 11.00 ގަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު، ޖެނަރަލް ދީދީގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި އެވެ.
މި މައްސަލައަކީ މީގެ ކުރިން ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ނިންމާފައިވާ މައްސަލައެއް ކަމަށް އިބްރާހިމް ދީދީ ދަނީ ވިދާޅުވަމުންނެވެ. އެގޮތުން މީގެ ކުރިން އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމައި ސިޓީއެއްގައި ފޮނުވާފައިވާ ކަމަށް އިބްރާހިމް ދީދީ ވިދާޅުވެ އެވެ. އެކަން އެންގީ ޕީޖީގެ ބިއުރޯގައި އޭރު ހުންނެވި ޑިރެކްޓަރު މުހައްމަދު އިޔާޒު ކަމަށް ވާތީ އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް އިބްރާހިމް ދީދީގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވެސް ވަނީ އެދިފަ އެވެ.
ނަމަވެސް މި މައްސަލައަކީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓި މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ ބޭފުޅުނަށް ވަނީ ޖަލު ހުކުމް އައިސްފަ އެވެ. އަދި އަބްދުﷲ ގާޒީ އެކަހަރި ކުރި މައްސަލާގައި ކާނަލް ޒިޔާދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސްގެ އިމާރާތައް ވަނުމަށް ފުލުހުން ހުރައަޅާފައިވަނިކޮށް އެތަނަށް ވެންނެވި ކަމަށްބުނާ މައްސަލައެއްގައިވެސް އިބްރާހިމް ދީދީގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މައްސަލާގައި އޭނާގެ އިތުރުން 11 މެމްބަރެއްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާ އެވެ.