ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 00:24
އުރުދުޣާން ސޫދާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އުރުދުޣާން ސޫދާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރޮއިޓަރސް
ރަތް ކަނޑުގެ މަސްރަހް
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!
ސަރަހައްދުގައި ނުފޫޒް ގަދަ ކުރުމަށް ބައެއް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުން

ރަތް ކަނޑުގެ މަސްރަހް ހޫނު ވަމުން ދާތާ ދުވަސް ތަކެއް ވެއްޖެއެވެ. އެކަން އެކަން އޮތް ސީރިއަސް މިންވަރު ހާމަ ވެގެން މި ދިޔައީ ތުރުކީގެ ރައީސް އުރުދުޣާން ހުސްވި މަހު ސޫދާނަށް ކުރެއްވި ދަތުރުފުޅާ އެކުގައެވެ.

މިއީ ސޫދާނަށް 1956 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ތުރުކީގެ އެންމެ މަތީ ވެރިޔަކު ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތެވެ. އުރުދުޣާންގެ މި ދަތުރުފުޅަކީ ދެ ގައުމުގެ މީޑިއާ އިން ސިފަ ކޮށްފައިވާ ގޮތުގައި ތާރީޚީ ދަތުރުފުޅެކެވެ.

އުރުދުޣާންގެ މި ދަތުރުފުޅާ ގުޅިގެން ސޫދާންގެ މީޑިއާ އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު ބައިނަލް އަގްވާމީ މައްސަލަތަކާއި ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ތައް ކުރިއަށް ގެންދިއުމަށް ގްރޫޕެއް ވަނީ އުފައްދާފައެވެ. އޭގެ އިތުރުން އަސްކަރީ ޑީލެއް ދެ ގައުމުގެ ދެމެދުގައި ހެދުމަށް ވަނީ މަޝްވަރާ ކޮށް ނިންމާފައެވެ.

ދެ ގައުމުގެ ވެރިންގެ މެދުގައި އެތައް އެއްބަސްވުމެއްގައި މި ދަތުރުފުޅުގައި ސޮއި ކުރެވިގެން ދިޔަ އިރު މީގެ ތެރެއިން އެންމެ ފާހަގަ ކުރެވިގެން ދިޔައީ ރަތް ކަނޑުގައިވާ ރަށެއް ވަގުތީ ގޮތުން ތުރުކީ އަށް ހަވާލު ކުރުމުގެ އެއްބަސްވުމެވެ.

ދެ ގައުމުން ހާމަ ކޮށްފައިވާ ގޮތުގައި ކުޑަ އާބާދީ އެއްގެ މައްޗަށް އޮތް "ސުއާކިން އައިލެންޑް" ތުރުކީން ތަރައްގީ ކުރާނެއެވެ. އަދި ރަތް ކަނޑު ހުރަސް ކޮށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާ އަށް ދަތުރު ކުރާ ފަރާތް ތަކަށް ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި މި ރަށް ބިނާ ކުރެވިގެން ދާނެއެވެ.

މިކަން މިހެން އޮތް ނަމަވެސް މި ރަށް ތުރުކީ އަށް ހަވާލު ކުރުން ވެގެން ދިޔައީ، ސަރަހައްދުގެ ގައުމުތަކަށް ހަޖަމު ކުރެވޭ ވަރުގެ ކަމަށް ނޫނެވެ.

ސޫދާން ތުރުކީގެ މުށުތެރޭގައި

ސުއާކިން އައިލެންޑްގެ އެއްބަސްވުމާއެކު މިސްރާއި ސައުދީ އަރަބިއްޔާ އިން ވަނީ ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައެވެ. އެ ދެގައުމުން ބުނީ ތުރުކީން މި ރަށުގައި މިލިޓަރީ ބޭސް އެއް ގާއިމް ކުރާނެ ކަމަށެވެ.

ތުރުކީ އާއި މިސްރަކީ ވެސް ސައުދީ އަރަބިއްޔާ އާ ގާތް ގުޅުމެއް ބާއްވާ ދެ ގައުމު ކަމަށް ވީ ނަމަވެސް ތުރުކީ އާ މިސްރާ ދެމެދު އޮންނަ ގުޅުން ފިނި ވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ތުރުކީ އާ މިސްރާ ދެމެދު އޮންނަ ގުޅުމަށް އެންމެ ބޮޑު ހިޔަންޏެއް އެޅިފައިވަނީ މިސްރުގެ މުރުސީގެ ވެރިކަން ވައްޓާލި މައްސަލައިގައެވެ.

ތުރުކީން ވަނީ 2013 ވަނަ އަހަރު މިސްރުގައި އަސްކަރީ ބަޣާވާތެއް ގެނެސް އެ ގައުމުގައި ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވުނު ޑރ. މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލި މައްސަލަ ކުށްވެރިކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

ތުރުކީ އާ ސޫދާންގެ ގުޅުން ބަދަހި ވަމުންދާ ދިއުމަކީ ސައުދީ އަރަބިއްޔާ އިން ވެސް ރުހޭ ކަމެއް ނޫނެވެ. މި ދެ ގައުމުގެ ވެރިންގެ ބައްދަލުވާ އެކު ސައުދީ ނޫސްތަކުގެ ސުރުޚީ ތަކާއި ރިޕޯޓު ތަކަށް ބަލާއިރު އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެއް ނޫހެއްގެ ސުރުޚީގައި "ސޫދާން ތުރުކީގެ މުށުތެރޭގައި" މިހެން ލިޔެފައި އޮތެވެ. އެ ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި:

"އެފްރިކާ ބައްރަށް ތުރުކީން ދަހިވެތި ވުމުގައި ހައްދެއްނެތް" ކަމުގައި ބުނެފައިވެއެވެ.

ސައުދީ މީޑިއާ އިން މިގޮތައް ބުނެފައިވާ އިރު ތުރުކީން މަސައްކަތް ކުރަމުން ދަނީ ބޭރުގެ ގައުމެއްގައި ހަދާ އެ ގައުމުގެ އެންމެ ބޮޑު އަސްކަރީ ބޭސް ސޯމާލިއާގައި ހެދުމަށް ތައްޔާރު ވަމުންނެވެ. އެހެން ކަމުން މިއީ ތުރުކީގެ އަސްކަރީ ބޭސް ތައް ސަރަހައްދުގައި ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތައް އެއްލި ގާގަނޑެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ވާހަކައަށް ރައްދު ދެމުން ސައުދީ އަރަބިއްޔާގައި ހުންނަ ސޫދާން އެމްބަސީން ބުނެފައިވަނީ، ސުއާކިން ރަށަކީ ސޫދާންގެ ތަނެއް ކަމަށާއި އެއީ އެހެން އެއްވެސް ބައެއްގެ ރަށެއް ނޫން ކަމަށެވެ. އަދި އަންކާރާ އާ އެކު ހެދި ޑީލްގެ ސަބަބުން އަރަބި ގައުމުތަކުގެ ސަލާމަތައް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސޫދާން އެމްބަސީން ދީފައި ވެއެވެ.

އަސްކަރީ ބާރު ގަދަ ކުރުން

ތުރުކީގެ ނުފޫޒް ސަރަހައްދުގައި ގަދަ ކުރުމަށް މަސައްކަތް ކުރާ ކަމަށް ބަލާ މިސްރުން އަވަސް އަވަހަށް ރައްދުގައި ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން އެރިޓްރިއާ ގައި ގާއިމް ކޮށްފައިވާ ޔޫ.އޭ.އީ. ގެ އަސްކަރީ މަރުކަޒަކަށް އެތައް ސަތޭކަ ސިފައިންނެއް މިސްރުން ފޮނުވިއެވެ. މިއީ ސޫދާން އާ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ މަރުކަޒެކެވެ.

ސޫދާން އިން މިކަމާ ހިތްހަމަ ނުޖެހިގެން މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަވާ އެ ގައުމުގެ ސަފީރު އަނބުރާ ޚަރުތޫމް އަށް ގެނައެވެ. ސޫދާން ބުނީ މިސްރުން އުޅެނީ ހަމަ ނުޖެހުމުގެ ތެރެއަށް ސޫދާން ވައްޓާލުމަށް ކަމަށެވެ.

ދެތިން ދުވަހުގެ ތެރޭގައި ސޫދާނުން ވަނީ ބޯޑަރު ބަންދު ކޮށް އެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން އެރިޓްރިއާ ބޯޑަރު ކައިރި އަށް ޖަމާ ކޮށްފައެވެ.

ތުރުކީ އާ އެކު ހެދި ސުއާކިން އައިލެންޑްގެ ޑީލާއެކު މަސްރަހްގެ ފިނިހޫނު މިން މައްޗަށް ދިޔަ މިންވަރުން، ރަތްކަނޑުގެ ސަރަހައްދަށް ނިސްބަތްވާ ގައުމުތައް އޮތް ގޮތް ވަރަށް ރަނގަޅަށް ހާމަ ވެއެވެ. ސޫދާން އާ މިސްރާ ދެމެދު ތުހުމަތުގެ ނަޒަރަކުން އެއް ގައުމު އަނެއް ގައުމަށް އިނގިލި ދިއްކުރަމުން ދާތާ ދުވަސްތަކެއް ވެފައި ވަނިކޮށް މަސްރަހް އިތުރަށް މިވަނީ ހޫނު ވެފައެވެ. މިސްރުން ތުހުމަތު ކުރަނީ މުސްލިމް ބްރަދަހުޑް އަށް ސޫދާނުން މަދަދު ވެރިވާ ކަމަށެވެ. ސޫދާނުން ތުހުމަތު ކުރަނީ މިސްރުން ސޫދާން ސަރުކާރާ ދެކޮޅު ފަރާތްތަކަށް އެހީތެރިވެދޭ ކަމަށެވެ.

މިސްރުގެ ސިފައިންގެ ފައުޖުތައް އެރިޓްރިއާ އަށް ފޮނުވުން ވެގެން ދިޔައީ، އަނެއް ކޮޅުން އެރިޓްރިއާގެ ހަތުރެއްގެ ގޮތުގައި ސަރަހައްދުގައި އޮތް އިތިއޮޕިއާ އިން ވަރަށް ރުޅި ގަދަވި ކަމަކަށެވެ. މިސްރާއި އިތިއޮޕިއާ އާ ދެމެދު އޮތް ހަތުރުވެރިކަން ވިސްނި އެކަމުގެ ފައިދާ ނެގުމުގެ ގޮތުން، އެރިޓްރިއާ އިން ދެވަނަ ވިސްނުމަކަށް ނުގޮސް މިސްރުގެ ސިފައިންނަށް މަރުހަބާ ކީއެވެ.

އިތިއޮޕިއާ އާއި އެރިޓްރިއާ ގެ ނުތަނަވަސް ކަން

އިތިއޮޕިއާ އާއި އެރިޓްރިއާ އަކީ އަނެއް ކޮޅުން ދެ ހަތުރުވެރިންނެވެ. ދެ ގައުމުގެ ސަރަހައްދީ އިމުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ލޭއޮހޮރުން ފެނިގެން ދިޔަ ދެ ހަނގުރާމަ ހިނގާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އިތިއޮޕިއާއަކީ ސަރަހައްދުގައި ތިން ވަނަ އަށް އެންމެ ބޮޑު އަސްކަރީ ފައުޖު އޮތް ގައުމެވެ.

އިތިއޮޕިއާ އިން ވަނީ ޔޫ.އޭ.އީ އާ މެދުވެސް ހިތްހަމަ ނުޖެހިފައެވެ. މިސްރާއި ޔޫ.އޭ.އީ އާ ދެމެދު އޮންނަ ގާތް ކަމަކީ އިތިއޮޕިއާ އަށް ހިތްހަމަ ޖެހުން ގެނެސްދޭ ކަމަކަށް ނުވެއެވެ. އަނެއް ކޮޅުން ޔޫ.އޭ.އިން އެ ސަރަހައްދުގައި ނުފޫޒް ގަދަ ކުރުމަށް ކުރަމުންދާ މަސައްކަތައްވެސް އިތިއޮޕިއާ އިން އޮތީ ހިތްހަމަ ނުޖެހިފައެވެ. އަނެއް ކޮޅުން އިތިއޮޕިއާ ރުޅި އެރުވުމަށް ޔޫ.އޭ.އީން ވަނީ އެ ގައުމާ އިންވެގެން އޮންނަ ގައުމުތައް ކަމަށްވާ އެރިޓްރިއާގެ އިތުރުން، ސޯމާލިއާ އާއި ޔަމަނުގައި އަސްކަރީ މަރުކަޒުތައް ގާއިމް ކޮށްފައެވެ.

މިސްރާއި ތުރުކީ އަދި ޔޫ.އޭ.އީން ސަރަހައްދުގައި ނުފޫޒް ގަދަ ކުރަމުން މަސައްކަތް ކުރަމުންދާ އިރު، ސަރަހައްދުގެ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ހިތްހަމަ ނުޖެހުންތައް ފަނޑުވަމުންދާ ތަނެއް ނުފެނެއެވެ. މަސްރަހް އިތުރަށް ގޯސް ވަމުން ދާ ކަމަށް ބެލެވިފައިވާ މި ދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކުގެ ވެރިން ގެންދަވަނީ، މި މަހުގެ ފަހު ކޮޅު އެޑިސް އެބާބާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކަން ޔޫނިއަން ސަމިޓަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

- ކޮމެންޓް