އާދީއްތަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލް ތަކަށް ބޭނުންވާނެ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު 24 ޓީޗަރަކު ހޯދަން އިއުލާން ކޮށްފިއެވެ.
ބުދަ ދުވަހު އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ދިރާސީ އާ އަހަރެއް ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމައަށް ތިބޭނެ ކަމަށާއި އެގޮތުން މިއަހަރުވެސް ދިރާސީ އާ އަހަރު އަންނަ އާދިއްތަ ދުވަހު ފެށޭއިރު ޓީޗަރުން ހަމަވާނެ ކަމަށެވެ.
އެކަމަނާ އެހެން ވިދާޅުވިތާ މާ ގިނައިރުތަކެއް ނުވަނީސް ސަރުކާރުގެ ގެޒެޓްގައި ވަނީ އިތުރު 24 ޓީޗަރަކު ހޯދުމަށް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ ސްކޫލް ތަކަށާއި މާލޭގެ ސްކޫލު ތަކަށްވެސް ޓީޗަރުން ބޭނުންވާކަމަށް އިއުލާން ތަކުގައި ވެއެވެ. އަދި ރިލީފް ޓީޗަރުން ފެށިގެން ދިވެހި މާއްދާ ކިޔަވައިދޭނެ ޓީޗަރުންނާއި އިނގިރޭސިއާއި ހިސާބު ކިޔަވައިދޭނެ ޓީޗަރުން ބޭނުންވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ،
މި އިއުލާނުގައި ބުނެފައިވާ ގޮތުން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ ސްކޫލް ހުޅުވޭ ފަހުން މިމަހުގެ 21 ވަނަ ދުވަހެވެ.