ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އިގުތިސާދީ ސިޔާސަތުގެ ދަށުން ކުރެވުނު އާ ކަމެއް ނެތް ކަމަށާއި ޕީޕީއެމް އިން ވެފައިވާ ވައުދުތައް ވެސް ފުއްދާފައިނުވާ ކަމަށް އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖލީހުން ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓްގައިވާގޮތަށް ކަންކަން ހިންގަމުން ނުދާ ކަމަށެވެ. އަދި މިދިޔަ އަހަރު ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓްގައި ކުރަން ބުނި ކަންތައްތައް އަހަރު ނިމުނުއިރު ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ހެޔޮބަދަލެއް އައިސްފައިނުވާއިރު އެކި ސިނާއަތްތައް ވަނީ ފެއިލްވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މަސްވެރިންނަށް ދޭން ވައުދުވި "ބެޔަސް ނުބެޔަސް 10000" ނުދޭއިރު ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރިން ކިރުވާ މަސްތަކަށް ބިލު ދޫކުރަން ފެށީ މި ސަރުކާރުންކަން އަމީރު ފާހަގަ ކުރެއްވި އެވެ.
"މިފްކޯއަށް ބެލިކަމުގައި ވިއަސް ފެލިވަރަށް ބެލިކަމުގައި ވިއަސް މަސްވެރިން ބާނާ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީއެއް ނުހުރޭ. ފަސް އަހަރުވީއިރު މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން ކީއްވެތޯ އެ ޕްރޮސެސިންގެ ކެޕޭސިޓީ އިތުރު ނުވީ. އޭގެ އިތުރުން ފެނުނީ މިފްކޯ ވެސް ބަނގުރޫޓް ވެގެން އެސްޓޯގެ ދަށަށް ދިޔައީ. އޭގެ އިތުރުން މަސްވެރިންނަށް އައިސް ވެސް ނުލިބޭ. ދޯނިފަހަރުން ދިހަޓަން، ފަނަރަ ޓަން، ބާނާއިގެން ދިޔައީމަ މި ކިރެނީ ފަސްޓަން. މިއީ ވަރަށް ބޮޑު ބޭ އިންސާފެއް،" އަމީރު ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިތުރު ކަމެއް ކުރެވިފައިނުވާއިރު ދަނޑުވެރިންނަށް ދިނުމަށް ވައުދުވި 8000 ރުފިޔާ ނުދޭކަން ވެސް އަމީރު ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ ޓޫރިޒަމްގެ ދާއިރާއިން ރިސޯޓް ހިއްސާ އެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭނެ ކަމަށް ވީ ވައުދުވެސް ނުފުއްދުނުއިރު ޕީޕީއެމްއިންވީ ރިޔާސީ ވައުދުގެ 10 ޕަސެންޓް ވެސް ފުއްދިފައިނުވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުލެއާއި މާލެއާ ދެމެދުއަޅާ ބްރިޖުގެ ވާހަކަ ސަރުކާރުން ދައްކާއިރު އެ މަސައްކަތް ކުރަނީ އެމްޑީޕީގެ ސަރުކާރުގައި ކުރުމަށް ހަމަ ޖެހިފައި އޮތް އަގަށް ވުރެ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއްގައި ކަމަށް އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުގައި 94000 ވަޒީފާ އުފައްދާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވި ނަމަވެސް ވަޒީފާ އެ އަދަދަށް ނުއުފެދުނު ކަމަށް ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައި ކަމަށް ވިދާޅުވެ ލޯކަލް ޓޫރިޒަމަކީ އެމްޑީޕީގެ ސަރުކާރުން ގެނައި ނިޒާމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މާފުއްޓަށް ބަލާލިކަމުގައި ވިއަސް، ތުލުސްދޫއަށް ބަލާލިކަމުގައި ވިއަސް، ރަސްދޫ އަށް ބަލާލި ކަމަށް ވިއަސް، އަދި އެނޫން ރަށްތަކަށް ބަލާލިކަމުގައި ވިއަސް އިގުތިސާދީ ބޮޑު ކަމެއް ހިނގާ ކަމުގައިވާނަމަ އެ ހިނގަނީ ގެސްޓް ހައުސް. އޭގެ ސަބަބުން ރައްޔިތު މީހާގެ ޖީބަށް އެބަ ބަރުވޭ. ރައްޔިތު މީހާ އިތުރަށް މުއްސަނދިވެގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުގެ 70 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާ ކަމަށްވާއިރު މުސްތަގުބަލްގައި ޗައިނާއިން ބުނާ ގޮތެއް ރާއްޖެ ހަދަން މަޖުބޫރުވާތަން ފެންނަ ކަމަށެވެ