ކޮންޓްރޯލް ނުވެގެން ގޮސް ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބުދަ ދުވަހުގެ ރޭ 10:20 ކަންހާއިރު ބޮޑުތަކުރުފާނު މަގު ޓުރެކް ދަނޑު ކައިރިންނެވެ. ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓުގައި އަނިޔާލިބުނު އަންހެން މީހާ ޓެކްސީއެއްގައި ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.