ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މާލޭ ސުކޫލުތަކަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށް ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ބައްދަލު ކުރައްވައިފިއެވެ.
މުލިއާގޭގައި ބޭއްވި މި ބައްދަލުވުމުގައި މާލޭގިނަ ސުކޫލުތަކުގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެލައްވައިފައެވެ. ރައީސްގެ އަނބިކަބަލުން ޕްރިންސިޕަލުންނާއި މި ބައްދަލުކުރެއްވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށޭއިރު، މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވުމުގެ ގޮތުންނެވެ. މި ބައްދަލުވުމުގައި ސްކޫލުތަކުގެ ޕްރިންސިޕަލުން ވަނީ ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ސީއެޗްއެސްއީ އާ އަމީނިއްޔާ އާ ހިރިޔާ އާ ކަލާފާނާއި އިމާދުއްދީނާއި ތާޖުއްދީންގެ އިތުރުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެލައްވައިފައެވެ. މި ބައްދަލުވުމުގައި ބައެއް ޕްރިންސިޕަލުން ވަނީ ސްކޫލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތަކަމާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފާހަގަ ކުރައްވާފައެވެ.