ކޮލަމާފުއްޓާއި، ދެއްވަދޫގެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަން ނޭނގޭކަމަށާއި، ކަނޑު ބައްތިތައް ބެލެހެއްޓުމަކީ މިނިސްޓްރީއާއިބެހޭ ކަމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ގއ. ކޮލަމާފުއްޓާއި، ދެއްވަދޫ ކަނދުފަތި ކެނޑިފައި އޮންނަތާ 3 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވުމުން، ރާއްޖެ.އެމްވީގައި ޝާއިއު ކޮށްފައިވާ ހަބަރާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ގއ. އަތޮޅުގެ އެއްވެސް ކައުންސިލްގެ އިދާރާއަކުން ގއ. ކޮލަމާފުއްޓާއި އެއަތޮޅު ދެއްވަދޫގެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމަށް މިނިސްޓްރީއައް އަންގާފައި ނުވާ ކަމަށެވެ. އަދި މިނިސްޓްރީން ކަނދުފަތިތައް މަރާމާތު ކުރަނީ ކައުންސިލްތަކުން އެގޮތަށް އެންގުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އެގޮތަށް ފާހަގަކޮށްފައިވާއިރު، އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން ތަމްސީލް ކުރާ އެއްވެސް މަންދޫބަކު ނެތް ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކޮށްފައިވާއިރު، ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެވްރެޖްކޮށް އަހަރަކު ކަނޑައިގެން ގޮސްގެން އަލުން 20 ކަނދުފައްޗެއް ހަރުކުރެވޭ ކަމަށެވެ. އަދި އޮއިވާލި ކަނދުފައްޗަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ވަރަށް ބުރަ މަސައްކަތުން އަޅައިދީފައިވާ ކަނދުފަތި ތަކެއްކަމުގައި ވާތީވެ، ކަނދުފައްޗާ މެދު ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ފަރު ބައްތިތައް ނުދިއްލޭތާ ހަ މަސްވެފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ވާހަކައަށް ރައްދުދެއްވައި ފިޝަރީޒް މިނިސްޓޓްރީން ބުނީ ބައްތިތައް ބެލެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކި ފަހަރު މަތިން މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"މިގޮތުން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު : 341-B/2017/4 (04 ޖުލައި 2017) ސިޓީން އެއަތޮޅުގެ އިރުމަތީ ބިތުން ކޮލަމާފުއްޓަށް ދަތުރުކުރާ ލައިންގައި ޖަހާފައިވާ ބައްތިތަކުގެ ތެރެއިން ގިނަބައްތިތައް ނެތުމުން މަސްވެރިންނަށް ނުރައްކާވާކަމަށް ބުނެ މަސްވެރިން މިނިސްޓްރީގެ އެހީތެރިކަން ނިހާޔަތަށް ބޭނުންވާކަން ފާހަގަކުރުމުން، 9 ބައްތިއެއް ޖެހުމަށް ބޭނުންވާ 87500.00 (އައްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ) ފައިސާ ވޭތުވެދިޔަ އަހަރުވާނީ ހުވަދުއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓައް ޖަމާކޮއްދީފައެވެ." ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.