ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖެން ރޮޑާ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމާއި ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމަކީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ޖަރުމަނު ސަފީރާ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅެގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ ކަންކަމާއި މެދު މަޝްވަރާ ކުރެއްވި ކަމަށެވެ.
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި ރައީސް ޔާމީން މި ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު ދިރިއުޅުންވާ ގެކޮޅުކަމަށްވާ އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވަނިކޮށެވެ. އަދި އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަންތައް ވެސް އެމްއެންޑީއެފުން އަންނަނީ ނޯޓު ކުރަމުންނެވެ.
ޖަރުމަނުގެ އެމްބެސެޑަރ ޖޯން ރޯޑް އަންގާރަ ދުވަހު ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ އިތުރުން އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މުހައްމަދެވެ. އެމްޑީޕީން ޖަރުމަންގެ އެމްބެސެޑަރާއި ބައްދަލު ކޮށްފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ މެދުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.
މީގެ އިތުރުން ބުދަ ދުވަހު ޖަރުމަން ސަފީރު ވަނީ ޑިފެންސް މިނިސްޓަރ އާދަމްޝަރީފް ޢުމަރާ ވެސް ބައްދަލު ކުރައްވާފައެވެ.