އިދިކޮޅު ފަރާތްތަކުގެ ވިސްނުމަކީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބަލިކޮށްލެވޭ ވަރުގެ ކެނޑިޑޭޓެއް ނެރުން ކަމަށާއި، އެކަން ހާސިލްކުރުމަށް ނެރެވެން ހުރި އެންމެ މޮޅު ކެނޑިޑޭޓަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ވެވަޑައިގަތުމަށް ޝާހިދު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު، އެ މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އަދި އެ މަޝްވަރާތަކުން އިންތިޚާބަށް ނެރެވޭ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމުގައި ވެގެން ދިއުމަށް ޝާހިދާއި އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެދިލައްވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ހުރިހާ ޕާޓީތަކުން އެގެންދަނީ މަޝްވަރާ ކުރަމުން، އެއް ކެނޑިޑޭޓަކު ނެރުމުގެ އެއްބަސްވުމަށް. އަޅުގަނޑު ޔަޤީންކުރަނީ އެ އެއްބަސްވުމަށް ޕާޓީތަކުން އަންނާނެކަމަށް. އަޅުގަނޑަށް ޔަޤީން އެކަން ކުރެވޭނެ. ދެން އަޅުގަނޑުމެން އެމްޑީޕީގެ ހުރިހާ މެންބަރުންގެވެސް އުއްމީދަކީ، އެ އެއް ކެނޑިޑޭޓަކަށް އެއްބަސްވާ އެއްބަސްވުމުގެ ތެރެއިން، އެ އެއްބަސްވާ އެއް ކެނޑިޑޭޓަކީ، ރައީސް ނަޝީދަށް ވެގެން ދިއުން. އެމްޑީޕީގެ ކެނޑިޑޭޓަކަށް ވެގެން ދިއުން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެއީ އެމްޑީޕީގެ މެންބަރުން އެދޭ ގޮތް ކަމަށާއި، ނަމަވެސް މަޝްވަރާ ކުރެވެމުންދާ ކަމެއް ކަމުން އެކަމުގައި ވަކި ގޮތަކަށް ވަކި ޕާޓީއަކުން ބުނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވެގެން ނުދާނެ ކަމަށެވެ.
އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓަކު ނެރެނީ ޕްރައިމަރީއަކުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެމަނިކުފާނު އެދިލައްވަނީ އެފަދަ ޕްރައިމަރީއެއްގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ކަމަށެވެ. ޝާހިދު ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވާނީވެސް އެފަދައިން ކަމަށާއި، ރައީސް ނަޝީދު ވާދަކުރައްވާ އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ އެކިއެކި ސިޔާސަތުތަކަށްވެސް ޝާހިދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ޚާއްސަކޮށް ރައީސް ޔަމީންގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.