އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަމިއްލަފުޅަށް ވަޑައިނުގެން މަންދޫބެއް ފޮނުއްވެވީ ޗައިނާގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރެއްވުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް އިންޑިއާއަށް ވަޑައިގަތުމާއި ގުޅިގެން މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރަށް ތާޢީދުކުރާ މީޑިއާތަކުން ރާއްޖޭގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި ސިފަކޮށްފައިވާ އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ފަސްޖެހިވަޑައިގަތީ ޗައިނާއިން އެފަދައިން މަޖުބޫރުކޮށްގެން، ނުވަތަ ރައީސް ޔާމީންގެ ބޮޑާކަމުން ކަމަށެވެ.
މަޚްލޫފްގެ ޓްވީޓްގައި ރައީސް ޔާމީން، ބޮޑުވަޒީރު މޯދީ އާއި ސީދާ ބައްދަލު ކުރެއްވުމުން ރެކިވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވެސް މަޚްލޫފް ވަނީ ތުޙުމަތު ކުރައްވާފައެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ރަސްމީ ޝެޑިއުލްގައި ވާ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރާއި އަދި ބޮޑުވަޒީރާއި މިނިސްޓަރ އާސިމް ބައްދަލު ކުރައްވާނީ ބުރާސްފަތި ދުވަހުއެވެ. ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއިއެކު ބާއްވާ ބައްދަލު ކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި ވެރިރަށް ދިއްލީގެ ޖަވާހަރްލާލް ނެހެރޫ ބަވަންގައެވެ. އެއަށް ފަހު ހަވީރު 4:45 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބާއްވާ ބައްދަލުވުން އޮންނާނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުކަމަށްވާ ދިއްލީގެ ލޮކް ކަލްޔަން މާގްގައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅަށް ފަހު ޚާރިޖީ ވަޒީރު އާސިމް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ރައީސުލްޖުމްހުރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އާސިމް އިންޑިއާއަށް ވަޑައިގެންނެވިއިރު ދެގައުމުގެ ގުޅުންތައް ވަނީ ގޯސްވެފައެވެ. އިންޑިއާއަށް އިސްކަންދިނުމުގެ ސިޔާސަތަށް ރާއްޖެއިން އަމަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާއިން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ރާއްޖެއިން ގެންދަނީ ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ވަޑައިނުގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި ޤައުމަކީ ވެސް ރާއްޖެއެވެ.