މާރުކޭޓުގެ ގޮޅިތައް ޕީޕީއެމްގެ އިސްވެރިންނަށް ދިނުމަކީ އެތައް އާއިލާއެއް ދިރިއުޅުމަށް ކުރާ މަސައްކަތައް އެޅޭ ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް ދިނުމުގައި ޕީޕީއެމްގެ އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ވައިބަރ ޗެޓް ލޮގެއް ލީކުވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބަރ ގުރޫޕެއް ކަމަށް ބެލެވޭ މި ވައިބަރ ޗެޓް ލޮގުން ހާމަވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ކުރައްވާފައިވާ މެސެޖަކުންނެވެ.
އެގުރޫޕްގައި ނިހާންގެ ނަމުގައި ކުރައްވާފައިވާ މެސެޖްގައި މެންބަރުންނާ މުޚާތަބު ކުރައްވާ ވިދާޅުވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓަށް އެދިލެއްވި ހުރިހާ އެމްޕީއިންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ނިހާނަށް އަންގާފައިވާ ކަމަށެވެ. އަދި ހައުސިންގ މިނިސްޓަރ މުއިއްޒުއަށާއި ރައީސް ޔާމީނަށް ނިހާންގެ ނަމުގައި މެސެޖް ކުރައްވާފައިވާ ބޭފުޅާ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.
އެޗެޓް ލޮގް ލީކުވެފައިވަނިކޮށް ޢަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާރުކޭޓުގައި ހުރި ގޮޅި ތަކަކީ ޕީޕީއެމްގެ އިސްވެރިން އިތުރަށް މުއްސަނދިވާން ބޭނުން ކުރާ ތަންތަނަށް ހެދުމަކީ އެތަކެއް އާއިލާ ދިރިއުޅުމަށް ކުރާ މަސައްކަތައް އެޅޭ ހުރަހެއް ކަމަށެވެ.
Maarukeytugai huri golhithakakee PPMge isverin ithurah mussandhivaan beynunkuraa thanthanah hedhumakee ethakeh aailaage dhiriulhumah kuraa masakkathah elhey huraheh.
— Ali Hussain (@AleeVoice) January 10, 2018
މީގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައްވެސް ދޫކުރަމުންދަނީ ޕީޕީއެމް މެންބަރުންނަށް ކަމަށެވެ. އަދި އެކަމުގައި އުޅުއްވަނީ މެޑަމް ފާތިމަތު އިބްރާހީމް ކަމަށާއި އެކަމުގެ ހެކިތަކާއެކު އެތައް ބަޔަކު މާލެ ސިޓީއާ އެވާހަކަތައް ހިއްސާކުރަމުންދާ ކަމަށެވެ.