އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން، މައުމޫން ދިރިއުޅުއްވާ ގެކޮޅުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާއިރު، އެކަން ފުލުހުންނަން އިނގޭތޯ އެމަނިކުފާންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.
އެސްޕީޖީ ގްރޫޕުން މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ރެއިން ފެށިގެންނެވެ. ޑިއުޓީ ބަދަލުވާ ގޮތަށް 24 ގަޑިއިރު ސިފައިންގެ ދެ މީހަކު އަބަދުވެސް އެ ގޭގައި ތިބެއެވެ. ވަދެ ނުކުމެ އުޅޭ މީހުން ބަލައިފާސްކުރުމާއި މައުމޫން ދަތުރުކުރައްވާ ކާރުކޮޅުގެ ޑިކީ ޗެކްކުރުން ފަދަ ކަންކަން ސިފައިން ދަނީ ކުރަމުންނެވެ. އަދި އެންދެރިމާގެއަށް ވަދެނިކުމެވާ މީހުންގެ ނަން ވެސް ދަނީ ނޯޓު ކުރަމުންނެވެ.
ސެކިއުރިޓީ މައްސަލައާއި ގުޅިގެން ބުދަ ދުވަހު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ބުނެ ރައީސް މައުމޫން ދިރިއުޅުންވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު، ފުލުހުންނަން މިކަން އެނގިވަޑައިގަންނަވާތޯ ސުވާލުއުފައްދަވައިފައެވެ.
Raees Maumoon ge security, @MNDF_Official in varugadha kurevvy 'intelligence report' akaa gulhigen kamah vidhaalhu vaa iru @PoliceMv ah mikan engevidaigannavaa baa?
— Yumna Maumoon (@yumna_maumoon) January 10, 2018
ޔުމްނާ މި ގޮތަށް ވިދާޅުވިއިރު ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ނުރައްކަލެއް އޮތްކަމުގައިވާނަމަ އެކަމެއް ހާމަކޮށްދިނުމަށް ލިޔުމުން ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.
ސެކިއުރިޓީ މައްސަލައާއި ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ރައީސް މައުމޫންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އެމްއެންޑީއެފްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރައީސް މައުމޫންގެ ފުރާނަފުޅު ސަލާމަތް ކުރުމަށް ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ފިޔަވަޅަކީ ރައީސް މައުމޫންގެ ސިޔާސީ އެއްވެސް ބައްދަލުވުމަކަށް ވަޑައިގަތުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ..
ނިހާންގެ ވާހަކައަށް ރައްދުދެއްވާ ޔުމްނާ ވިދާޅުވީ ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން ރައީސް މައުމޫންއަށް ލިބިވަޑައިގަންނަވަން ޖެހޭ ސެކިއުރިޓީ ކުއްލިއަކަށް ކަނޑާލި ކަމަށެވެ. އަދި އެއީ ވެސް ސިޔާސީ ކަމެއް ނޫންތޯ ޔުމްނާ ވަނީ ސުވާލުއުފައްދަވައި ޓުވީޓް ކުރައްވާފައެވެ.
Kureege Raeesehge haisiyyathun Raaes Maumoon ah ganoony gothun libidheyn jehey security eyru kulli akah kandaaly keevve tho? Ei ves siyaasy kameh noon dhetho? https://t.co/bjru5m2qf4
— Yumna Maumoon (@yumna_maumoon) January 10, 2018
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާއި އެކު ދަތުރުކުރާ ސެކިއުރިޓީ ކާރުވެސް ސިފައިން ނެގިއެވެ.