ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖެން ރޮޑާ އާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމްޝަރީފް ޢުމަރު ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން ޓެރަރިޒަމާއި ޙައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، މަސައްކަތްކުރުމަށް ޤާއިމްކުރެވިފައިވާ ވަޞީލަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް ޑިފެންސް މިނިސްޓަރ ވަނީ ޙިއްސާ ކުރައްވާފައެވެ.