ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިސްނުންފުޅުގައި އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ކުޑަވެސް ފުރުޞަތެއް ނެތް ކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ޤާސިމްގެ ވިސްނުންފުޅުގައި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ކުޑަވެސް ފުރުޞަތެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ.
RN aai QI ge visnumugai AP aai RM ah kudaves furusotheh neiy kan varah ragalhah haama vejje.mifaharu mi’othee RM evidhaalhuvaa bodu kekuri kuda kekuri usoolun mashvaraa aruvaafa. 2 meedhaa fehi bulhah veevaruves nuvi. Kathivalhi gehli koshi dhan’du gehli Mariyab ves gehlunee.
— Abdul Raheem Abdulla (@Banafsaa) January 9, 2018
ޢަބްދުއްރަޙީމްގެ މިގޮތަށް ޓްވީޓް ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެނޑިޑެސީ އާއި ގުޅުވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ލަފާ ހޯއްދެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހަތަރު ހުށަހެޅުއްވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް ނަޝީދު ހުށަހެޅުއްވި ހަތަރު ހުށަހެޅުއްވުމުގައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ތަމްޞީލުވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުން ނެރެވޭނެ ހުށަހެޅުންތަކެކެވެ. އެ 4 ހުށަހެޅުމަކީ:
1 .ރައީސް ނަޝީދާއި ޤާސިމަށް އިންތިޚާބުގައި ވާދަކުރެވޭ ޙާލަތެއްގައި ކެނޑިޑޭޓަކަށް ރައީސް ނަޝީދު ނުކުންނެވުމާއި ރަނިން މޭޓަކަށް ގާސިމް ނުކުންނެވުން
2. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވިފައި ޤާސިމް އިބްރާހީމަށް ވާދަނުކުރެވޭ ޙާލަތެއްގައި ކެނޑިޑޭޓަކަށް ނަޝީދު، އަދި ރަނިން މޭޓަކަށް ގާސިމް ބޭނުންފުޅުވާ ނުވަތަ ޖޭޕީން ބޭނުންވާ ފަރާތެއް ނެރުން
3. ޤާސިމަށް ވާދަކުރެވިފައި ރައީސް ނަޝީދަށް ވާދަނުކުރެވޭ ޙާލަތެއްނަމަ ކެނޑިޑަސީ ޤާސިމަށް ދިނުމާއެކު އެމްޑީޕީން ރަނިންމޭޓެއް ނެރުން
4. ރައީސް ނަޝީދާއި ޤާސިމަށް ވާދަނުކުރެވޭ ޙާލަތުގައި އެމްޑީޕީގެ ކެނޑިޑޭޓަކާއެކު ޖޭޕީގެ ރަނިންމޭޓެއް ނެރުން
މި ހުށަހެޅުއްވުންތަކަކީ ޤާސިމްގެ ލަފައާއެކު ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުންތަކެއް ކަމަށް އަޑު ފެތުރިފައިވާއިރު، ޢަބްދުއްރަޙީމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މިފަހަރު މަޝްވަރާ އަރުވާފައި މިވަނީ ރައީސް މައުމޫން ވިދާޅުވާ "ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ އުސޫލުން" ކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫނަށް ނިސްބަތް ކުރައްވައި އަބްދުއްރަޙީމް ވިދާޅުވެފައިވަނީ، ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާ ކަމަށާއި، ކަތިވަޅި ގެއްލި، ކޮށި ދަނޑު ގެއްލި، މަރިޔަނބުވެސް ގެއްލިފައިވާ ކަމަށެވެ.
ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއިދު ރައީސް މައުމޫން އަނބުރައި ގެންދެވި ފަހުން، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން މައުމޫން ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވަ އެވެ.