މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމެޓީ ރައީސް އަބްދުﷲ ޔާމީން އަލުން އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެކޮމެޓީ އަލުން އެކުލަވާލީ ކުރިން އެކުލަވާލި ކޮމެޓީގެ މުއްދަތު މިދިއަ އަހަރުގެ ނިޔަލަށް ހަމަވެފައިވާތީ ކަމަށެވެ.
އަލުން އެކުލަވާލި ކޮމެޓީގެ ޗެއާރމަނަކަށް ހަމަޖެއްސެވީ މިނިސްޓަރ އޮފް ފޮރިން އެފެއާރޒު ޑރ. މުހައްމަދު އާސިމް އެވެ. ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ޑރ. މަރިޔަމް ސުޒީ އާދަމް އާއި އާއިޝަތު ޝާހީންގެ އިތުރުން ޑރ. އަބްދުލްއަޒީޒު ޔޫސުފް އެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދެއްވުމުގެ މަގްސަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލު ކުރުން ކަމަށެވެ. އަދި މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބު ކުރުން ކަމަށެވެ.
ހާއްސަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުގަ އެވެ.