އަންގާރަ ދުވަހުގެ ހަވީރު ކެރީބިއަންއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފިއެވެ.
އެންމެ ފުރަތަމަ ރިޕޯޓް ކުރެވިފައިވަނީ ބިންހެލުން އައިސްފައިވަނީ 7.8 މެގްނިޓިއުޑް ބާރުމިނުގައި ނަމަވެސް ކަމާބެހޭ އިދާރާތަކުން ފަހުންވަނީ ބިންހެލުން އައިސްފައިވަނީ 7.6 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް ބުނެފައެވެ.
ބިންހެލުމަށްފަހު ޕޯޓަރިކޯ އަދި އެމެރިކާގެ ވަރޖިން އައިލެންޑްސްއަށް ނެރެފައިވާ ސުނާމީ ލަފާ އަދިވެސް އެގޮތުގައި އޮތްކަމަށް ޕެސިފިކް ސުނާމީ ވޯނިންގެ ސެންޓަރުން ބުނެއެވެ. ނަމަވެސް ބިންހެލުމަށްފަހު ބަލާ ބެލުންތަކަށް ބަލާއިރު އެ ސަރަހައްދަށް ސުނާމީ އައުމުގެ އެއްވެސް ބިރެއް ނެތްކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ސުނާމީގެ ރާޅުގެ ގޮތުގައި 0.3 މީޓަރާއި 1 މީޓަރާ ދެމެދުގެ ރާޅު ބެލީޒް އަދި ހޮނޑިއުރަސްއަށް އެރުމުގެ ފުރުސަތު އޮތްކަމަށް ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުންވަނީ ބުނެފައެވެ. ބިންހެލުމުގެ ސަބަބުން ހޮންޑިއުރަސްގެ ވެރިރަށް ޓިގޫސިގަލްޕާގެ ބައެއް އިމާރާތްތަކުގެ ކުޑަދޮރުތައް ތެޅިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މި ބިންހެލުމާއި ގުޅިގެން އިތުރު ގެއްލުންތަކެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މެކްސިކޯގެ ސްޓޭޓެއްކަމަށްވާ ގިންޓަނާ ރޯ އަށްވެސް ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން ޑިރެކްޓަރ ވިދާޅުވެއެވެ.