ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ކޮމިޝަނަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުން، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާއެވެ.
ރިޔާޒުގެ މައްޗަށް މި ދައުވާކޮށް، މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހުއެވެ.
މި ދައުވާ ސާބިތުވެއްޖެ ނަމަ، ރިޔާޒަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، އިހުތިސާސް ލިބިގެންވާ ކޯޓަކަށް ޖިނާއީ ކުށެއްގެ ދައުވާ ބަލައިގެންފި ނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އެ ދައުވާ އާއި އެ ދައުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދައުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
އެހެން ނަމަވެސް، ރިޔާޒުގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށްފައި ވަނީ، ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، ބުދަ ދުވަހުއެވެ.
މިއީ ކިނބިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ތިން ވަނަ ދައުވާއެވެ. މީގެ ކުރިން، އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މީގެ އިތުރުން، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރުންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.