ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 07:56
ޕަދްމަވަތީގެ ލީޑުރޯލުން ފެންނަ ތިން ތަރިން
ޕަދްމަވަތީގެ ލީޑުރޯލުން ފެންނަ ތިން ތަރިން
ގެޓީ އިމޭޖަސް
ޕަދްމާވަތު
ޕަދްމާވަތީގެ 300 މަންޒަރެއް އުނިކުރި ވާހަކަ ސެންސަރު ބޯޑުން ދޮގުކޮށްފި
ޕަދްމާވަތީ ސިނަމާތަކަށް އަންނާނީ މިމަހުގެ 25 ގައި
ރާޖަސްތާނުގެ ސަރުކާރުން ބުނެފައި ވަނީ މި ފިލްމު އެސްޓޭޓްގައި ނޭޅުވޭނެ ކަމަށް

"ޕަދްމާވަތީ" ގެ 300 މަންޒަރެއް އުނިކުރި ވާހަކަ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) އިން ދޮގުކޮށްފިއެވެ.

ސީބީއެފްސީގެ ޗެއާޕާސަން ޕްރަސޫން ޖޯޝީ ވަނީ "ޕަދްމާވަތީ" ގެ އުނިކުރި މަންޒަރުތަކުގެ އަދަދު ހާމަކުރުމަށް އުޒުރުވެރިވެފައެވެ. އޭނާ ބުނީ އެވަރަށް އުނިކޮށްފައި ނުވާނެ ކަމަށެވެ. އަޑުތައް ފެތުރިފައިވާ ގޮތުން "ޕަދްމާވަތީ" ނުވަތަ ސެންސަރު ބޯޑުގެ އެދުމުގެ މަތިން މިހާރު ނަން ބަދަލުކޮށްފައިވާ "ޕަދުމާވަތު"ގެ އުނިކޮށްފައިވާ މަންޒަރުތަކުގެ އަދަދު 300 އަށް އަރައެވެ. ޕްރަސޫން ބުނީ ސެންސަރު ބޯޑުން "ޕަދްމާވަތީ" އަށް ޝަރުތުކޮށްފައި ވަނީ ފަސް ކަމެއް ކުރުމަށް ކަމަށާއި ސެންސަރު ބޯޑުން ކުރަންޖެހޭ ކަންތައްތައް މިހާރު ކޮށް ނިންމާފައި ވާކަމަށެވެ. އަދި މަންޒަރުތަކެއް އުނިކުރުމަށް އެބޯޑުން ޝަރުތުކޮށްފައި ވާކަމަށް ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ތާރީހީ ފިލްމް "ޕަދްމާވަތީ" އަށް ދިމާވި މައްސަލަތަކާ ހުރެ ސެންސަރު ބޯޑުން އެފިލްމު ފާސްނުކޮށްދީގެން އުނދަގޫތަކާ އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާ ޕަދްކޯނާއި ޝާހިދު ކަޕޫރް އަދި ރަންވީރް ސިންގްއެވެ. ޕަދްމަވަތީގެ ނަމުގައި ސެންސަރު ބޯޑަށް ހުށައެޅި މި ފިލްމު ފާސްކުރުމަށް ފަހު އެ ބޯޑުން މި ފިލްމަށް ކިޔަން ނިންމީ "ޕަދްމާވަތު" އެވެ. މީގެ އިތުރުން މި ފިލްމުގެ މިހާރު ނިކުމެފައިވާ ލަވަ "ގޫމަރު" ގެ ބައެއް ލަފުޒުތައް ބަދަލުކުރަން ވެސް ވަނީ ޝަރުތު ކޮށްފައެވެ.

ސެންސަރު ބޯޑުގެ ޚާއްސަ ޓީމަކުން މި ފިލްމު ބެލުމަށް ފަހު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 28 ގައެވެ. "ޕަދްމާވަތީ" ސިނަމާތަކަށް އަންނާނީ މިމަހުގެ 25 ގައެވެ. މިފިލްމު އެޅުވުމާ ދެކޮޅުހަދައި ރާޖަސްތާނުގެ ސަރުކާރުން ބުނެފައި ވަނީ މި ފިލްމު އެސްޓޭޓުގައި ނޭޅުވޭނެ ކަމަށެވެ. ސެންސަރު ބޯޑުން މި ފިލްމު ފާސްކޮށްދިން ނަމަވެސް ފިލްމު އަޅުވާ ކޮންމެ ސިނަމާއެއް ފުނޑާލާނެ ކަމުގެ އިންޒާރު އެ ފިލްމާ ދެކޮޅު ފަރާތްތަކުން ވަނީ ދީފައެވެ.

- ކޮމެންޓް