އއ. ރަސްދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ރަސްދޫގައި ހިންގި އެ މާރާމާރީގައި ޒަހަމްވި މީހާއަށް، އއ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެ ޒުވާނާއަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ބޮލަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ މީހެއްގެ ދެމެދުގައި ހިނގައިދިޔަ ދެބަސްވުމަކާ ގުޅިގެން، ހިންގި އެ މާރާމާރީގެ ތުހުމަތުގައި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކުށުގެ ރެކޯޑު އޮންނަ ޒުވާނެކެވެ.
ރަސްދޫ އިން ވާހަކަ ދެއްކި މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ މީހަކު ގެއަކަށް ވަންނަން އުޅުމުން، އެކަމާ ގުޅިގެން އުފެދުނު ދެބަސްވުންތަކެއްގައެވެ. އަދި މިއީ އާއިލީ މައްސަލަތަކެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މާރާމާރީގައި ޒަހަމްވި މީހާއަކީ ރަސްދޫ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.