އިސްރާއީލުން ވައިގެ މަގުން ސޫރިޔާއަށް ހަމަލާދީފިއެވެ.
ސޫރިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ވެރިރަށް ދިމިޝްޤުގައި ހުންނަ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްގެން އިސްރާއީލުން ވަނީ ވައިގެ ހަމަލާއެއް ދީފައެވެ. މި ހަމަލާގެ ތަފްޞީލެއް އިސްރާއީލްގެ އަސްކަރިއްޔާ އިން ދީފައި ނުވި ނަމަވެސް، ނޫސްވެރިޔަކު ސުވާލު ކުރުމުން، މި ހަމަލާ ދިންކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދޮގުކުރައްވާފައެއް ނުވެއެވެ. ނަތަންޔާހޫ ވިދާޅުވީ ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވަން އިސްރާއީލަށް ކުރެވުނު ކަމެއް ކުރާނެ ކަމަށެވެ.
ހިޒްބުﷲ ޖަމާޢަތުން ގެންދަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވަމުންނެވެ.
ދިމިޝްޤުގެ އިރުއުތުރުން އޮންނަ ޤުތައިފާ ސަރަހައްދަށް އިސްރާއީލުން ވައިގެ މަގުން ޙަމަލާދީފައި ވަނީ ލުބްނާނުގެ ވައިގެ ސަރަހައްދު ތެރެއިން ކަމަށް ސޫރިޔާ އިން ބުނެއެވެ. އަދި އެ ހަމަލާގެ ރައްދުގައި ސޫރިޔާގެ އަސްކަރިއްޔާ އިން ދިން ޙަމަލާގައި އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓަކަށް ގެއްލުންވެފައިވާ ކަމަށް ސޫރިޔާގެ އަސްކަރިއްޔާއިން ބުނެއެވެ.
ވައިގެ މަގުން ދިން ހަމަލާއަށް ފަހު އިސްރާއީލުން ހިފާފައިވާ، ސޫރިޔާގެ ގޯލާންގެ އުސް ބިންތަކުގައި ތިބެގެން އިސްރާއީލް ސިފައިން ވަނީ ރޮކެޓް ހަމަލާތަކެއް ވެސް ދީފައެވެ. އެހެން ނަމަވެސް ސޫރިޔާ ސިފައިން ވަނީ މިރޮކެޓްތައް ވައްޓާލާފައެވެ.
ސޫރިޔާގެ މަސްރަހު ދިރާސާކުރަމުންދާ، ލަންޑަނުގައި ޤާއިމްވެފައިވާ ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ހިޒްބުﷲ ޖަމާޢަތުގެ ޖަގަހަތަކަށް ކަމަށެވެ.
ސޫރިޔާގައި ހަތް އަހަރުވެފައިވާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ބޯޑަރު ހުރަސްކޮށް، އިސްރާއީލުން ސޫރިޔާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވައިދިނުމަށް ސޫރިޔާ އިން ވަނީ އދ. އަށް ވެސް ހުށަހަޅާފައެވެ.