ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އިންޑިއާއަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ރަސްމީ ޝެޑިއުލްގައި ވާ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރާއި އަދި ބޮޑުވަޒީރާއި މިނިސްޓަރ އާސިމް ބައްދަލުކުރައްވާނީ ބުރާސްފަތި ދުވަހުއެވެ. ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއިއެކު ބާއްވާ ބައްދަލުކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގައި ވެރިރަށް ދިއްލީގެ ޖަވާހަރްލާލް ނެހެރޫ ބަވަންގައެވެ. އެއަށް ފަހު ހަވީރު 4:45ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބާއްވާ ބައްދަލުވުން އޮންނާނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުކަމަށްވާ ދިއްލީގެ ލޮކް ކަލްޔަން މާގްގައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅަށްފަހު ޚާރިޖީ ވަޒީރު އާސިމް ރާއްޖެއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ރައީސުލްޖުމްހުރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އާސިމް އިންޑިއާއަށް ވަޑައިގެންނެވިއިރު ދެގައުމުގެ ގުޅުންތައް ވަނީ ގޯސްވެފައެވެ. އިންޑިއާއަށް އިސްކަންދިނުމުގެ ސިޔާސަތަށް ރާއްޖެއިން އަމަލުކުރާނެކަމަށް އުއްމީދުކުރާކަމަށް އިންޑިއާއިން ތަކުރާރުކޮށް ބުނަމުންދިޔަނަމަވެސް، ރާއްޖެއިން ގެންދަނީ ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ވަޑައިނުގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި ޤައުމަކީވެސް ރާއްޖެއެވެ.
އިންޑިއާއިން ކޮށްދޭ ކަންތައްތަކުގެ ސްޕީޑް ލަސްކަމަށް ބުނެ ރާއްޖެއިން ޝަކުވާކުރަމުންދާއިރު، ދެޤައުމުންވެސް އެއް ޤައުމުން އަނެއް ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިކުރާކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. އެހެން ނަމަވެސް ދެޤައުމުގެ ޚާރިޖިއްޔާއިންވެސް ބުނަނީ "ގުޅުން ރަނގަޅު" ކަމަށެވެ.