ކެބިނެޓަށް ގެނެވުނު ބަދަލުތަކާއެކު ސަރުކާރު މިހާރު މާބޮޑަށްވެސް ފެނިގެންދަނީ އައު ޖީލަކާއިއެކު ޚިދުމަތްކޮށްދޭ ސަރުކާރެއްގެ ގޮތުގައި ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ވަނީ އެކަމަނާގެ ވަޒީރުންގެ ޓީމަށް އާ މޫނުތަކެއް އައްޔަންކުރައްވާފައެވެ.
ޖޫނިއަރ ގިނަ ބޭފުޅުންތަކެއް ހިމެނޭގޮތަށް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފައިވަނީ ކެބިނެޓް ލެވެލްގައި ހޯމަ ދުވަހު ގެންނެވި ބަދަލުތަކަކަށްފަހުއެވެ.
މި ބަދަލުތަކާއެކު އެޑިއުކޭޝަން ސެކްރެޓަރީ ޖަސްޓިން ގްރީނިންގްވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލު ލޭބަރ ޕާޓީން ސިފަކޮށްފައިވަނީ އެއްވެސް އޮފުދާރުކަމެއް ނެތް ޕީއާރު ހަރަކާތެއްގެ ގޮތުގައެވެ.
އަންގާރަ ދުވަހު ކެބިނެޓަށް ގެނެވުނު ބަދަލާއެކު ފިރެހެން ހަ ބޭފުޅުންނާއި އަންހެން އަށް ބޭފުޅުން އަލަށް ގުޅިވަޑައިގެންފައިވެއެވެ.
އަންހެން ހަ ބޭފުޅުންނަކީ 2015 ވަނަ އަހަރު ގާނޫނު ހަދާމަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި ބޭފުޅުން ކަމަށްވާއިރު އެ ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ޖޫނިއަރ ވިޕުންގެ ގޮތުގައެވެ. އެ ބޭފުޅުން މަސައްކަތްކުރައްވާނީ ޕާޓީގެ ސުލޫކީ އުސޫލުތައް ތަންފީޒު ކުރެއްވުމަށެވެ.
ޑައުނިންގް ސްޓްރީޓުންބުނީ ކެބިނެޓަށް ގެނެވުނު ބަދަލުގައި އަންހެން ބޭފުޅުން އިތުރު ކުރެވިފައިވާނެ ކަމަށާއި އަދި ބައިމަދު ދީނީ ސެކްޓްތަކުގެ މެމްބަރުންވެސް ކެބިނެޓަށް އިތުރުކުރެވިފައިވާނެކަމަށެވެ.
ބޮޑުވަޒީރު މޭ ވިދާޅުވީ އާ ކެބިނެޓާއެކު މުޅި އިނގިރޭސި ވިލާތުގެ އެކި ކަންކޮޅޫތަކުގައި ތިބި އެ ގަުއުމުގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށެވެ.