ރާއްޖެއާއި ޗައިނާއާދެމެދު މިދިޔަ ޑިސެމްބަރު މަހު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާގުޅޭ ގޮތުން އިންޑިއާގެ ޤާނޫން ހަދާ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ސުވާލުކޮށްފިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާގުޅޭ ގޮތުން އިންޑިއާއިން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އެކި ކޮމިޓީތަކުގައި މީގެ ކުރިންވެސް ސުވާލުކޮށްފައިވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖާ ސަބާގައި ސުވާލުކުރެއްވީ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެމްބަރެއްކަމަށްވާ ޝްރީމާތީ ވަންސުކް ސިޔެމްއެވެ. އޭނާ ސުވާލުކުރެއްވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ދިޔަ ގޮތް އިންޑިއާ ސަރުކާރަށް އެނގޭތޯ އާއި، މަޖިލިސް ތެރެއިން ކުއްލި ގޮތަކަށް އަދި މަދު މެމްބަރުންތަކެއް ތިބެގެން އެ އެއްބަސްވުމަށް ރުހުން ދިން މައްސަލައިގެ ފަހަތުގައިވާ ކަންކަން އިންޑިއާއަށް ފަހުމްކުރެވޭތޯއެވެ.
މި ސުވާލަށް ޤާނޫނު ހަދާ މަޖިލީހުގައި ޖަވާބު ދެއްވީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އެމް.ޖޭ އަކްބަރެވެ.
އޭނާ ވިދާޅުވީ 2014ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި މި އެއްބަސްވުމުގެ ވާހަކަތައް ފެށުނުކަމަށެވެ. އަދި 2015ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމީ ވާހަތަައް މި އެއްބަސްވުމާ ގުޅޭ ގޮތުން ފަށައި، 2017ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވާލެވުނުކަމަށެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެެމެދު އޮންނަ ގުޅުމަށް އަސަރުކުރާނެ އެންމެހާ ކަންކަން ވަރަށް ކައިރިން ބަލަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.