"ދޭން ބޭނުންވި މެސެޖް ދެވިއްޖެ" ކަމަށާއި، މިވަގުތަށް ޓްވިޓަރގައި ނިހާންއާއި އެކު ބަދަލުކުރެވުނު ބަހުގެ ހަމަލާތައް ނިންމަވާލެއްވީކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ރިޔާޒާއި ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވިފައެވެ. މިކަން ފެށިފައިމިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަބްދުﷲ ރިޔާޒަށް ކްރިމިނަލް ކޯޓުން ޗިޓު ފޮނުވުމުން، އެފަދަ ކަންކަން ކުރެއްވިޔަސް ރައީސް ޔާމީނަށް ތާޢީދުނުކުރައްވާނެކަމަށް ރިޔާޒް ވިދާޅުވި ހިސާބުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރާއިއެކު ރިޔާޒް ޓްވީޓްކުރެއްވުމުން ނިހާން ވަނީ ރިޔާޒަކީ އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ތާޢީދުކުރެއްވި ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އެއަށް ރައްދު ދެއްވާފައެވެ. އަދި އެއާއިއެކު، ދެބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކުރެވުނެވެ.
މި 'ޒުވާބު'ގެ ތެރޭގައި ނިހާން ވަނީ ރިޔާޒާއި ނިހާންއާއި ދޭތެރޭ 2013ވަނަ އަހަރުގެ ނޮވެމްބަރު މަހު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮތް ދުވަހުގެ ކުރީ ދުވަހު ދެކެވުނުކަމަށް ބުނާ ވާހަކަތަކެއްގެ ޗެޓްލޮގްތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، އެޗެޓްލޮގްތައް ހުރިނަމަ، ހާމަކުރައްވަން ރިޔާޒް ވިދާޅުވުމުން ނިހާން އެއަށް ރައްދު ދެއްވާފައެއް ނުވެއެވެ. އަދި އޭގެ ފަހުގައި އަނެއްކާވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްކުރައްވައި ނިހާން ވާހަކަ ދެއްކެވުމުން، ރިޔާޒް އެއަށް ރައްދު ދެއްވާފައެއް ނުވެއެވެ.
ރިޔާޒް ވިދާޅުވީ އޭނާ ދެއްވަން ބޭނުންވި މެސެޖް ދެވިއްޖެކަމަށާ، މިވަގުތަށް ނިންމާވާލެއްވީކަމަށެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަމަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޮއްޓަރެއް ނެތް ވާހަކަ ނިހާން ދައްކަވައި، ރިޔާޒްގެ ބަހުގެ ހަމަލާތަކަށް ނިހާންއަށް އެކަށީގެންވާ ރައްދެއް ދެވިފައިނުވާތީ، އެ 'ޒުވާބު' ހުއްޓަވާލެއްވުމަށް ރިޔާޒް ނިންމެވުމުން، އެދެބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވަނީ ކޮން ބޭފުޅެއްކަން ހާމަވެއެވެ.