ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި މާލޭގައި ހުރި ގާޑިޔާތައް ފަދަ ހުރިހާ ތަންތަނެއް ދޫކުރަމުން ދަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ޕީޕީއެމް މީހުންނަށް އެކަނި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަމާއު ވިދާޅުވީ މާލޭގެ ކަންކަން ކުރަން ޖެހެނީ މާލޭ ސިޓީއާ ހަވާލުކޮށްގެން ކަމަށް ވީނަމަވެސް އެހުރިހާ ބާރުތަކެއް ސިޓީ ކައުންސިލުން އަތުލުމަށް ފަހު ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ހަމަހަމަ ކަމެއް އިންސާފަކަށް ބެލުމެއް ނެތި ސަރުކާރުން ހިތުހުރި ގޮތަކަށް ކަމަށެވެ.
އެގޮތުން ލޯކަލް މާރުކޭޓާއި މާލޭގެ ދެކުނު ފަރާތުގައި ބަހައްޓާފައި ހުންނަ ގާޑިޔާތައް ކުއްޔަށް ދިނުން ފަދަ ކަންކަމަށް އިޝާރާތް ކުރައްވާ ސަމާއު ވިދާޅުވީ އެތަންތަން ކުރިން ހިންގި މީހުން އަތުން އަތުލުމަށް ފަހު މިހާރު ދީފައިވަނީ ސީދާ ޕީޕީއެމް މީހުންނަށް ކަމަށެވެ.
ސަމާއު ވިދާޅުވީ އެތަންތަން ދޫކުރަމުން ދަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ޕީޕީއެމް މީހުންނަށް ކަމަށާއި ސީދާ އެކަން ބައްލަވަމުން ދަނީ މެޑަމް ފާތިމަތު އިބްރާހީމް ކަމަށެވެ.
ސަމާއު ވިދާޅުވީ އެކަންކަން ސާބިތު ކުރެވޭވަރުގެ ހެއްކާއެކު މީހުން މާލޭ ސިޓީ ކައުންސިލާ އެވާހަކަތައް ހިއްސާ ކުރަމުންދާ ކަމަށާއި ރައްޔިތުންނަށް ވެސް އެކަންކަން އޮޅުން އަރާފައި ނުވާ ކަމަށެވެ.
ސަމާއު ވިދާޅުވީ ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފަށް ބާރުތައް އަތުލައި ހިތުހުރި ގޮތަކަށް އެކަންކަން މިއަދު ކުރެވިދާނެ ކަމަށާއި ނަމަވެސް ހައުސިން މިނިސްޓަރާއި ޚުދު ރައީސް ޔާމީންގެ ފަހަތްޕުޅުން ވެސް އެކަންކަމާ ހިންގަވާނެ ކަމަށެވެ. އަދި އެމައްސަލަތައް ހުށަހަޅުއްވައި އިންސާފް ހޯއްދަވާނެ ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.
ސަމާއު ވިދާޅުވީ ދަރުބާރުގެއާއި ހުޅުމާލޭގައި ހަދާފައިވާ ސިޓީ ޕާކުވެސް ވަނީ މުޅި އަހަރަށް ކުއްޔަށް ދޫކޮށްފައި ކަމަށާއި އެހެންކަމަށްވާނަމަ ވަރަށް ގިނަ އަދަދެއްގެ ފައިސާ މިހާރު ލިބިފައި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފައިސާ ނުހުންނާނެކަން އެނގޭ ކަމަށާއި އެކަމަކީ ސީދާ ސިޓީ ކައުންސިލަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ނަމުގައި ވެސް ކުރައްވަމުންދާ ކަމަކީ އެއްވެސް ޕްލޭނެއް ނެތި ކުރަމުންދާ ކަންތައްތަކެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން މަޖީދީ މަގުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ވެސް މާލޭގެ މަގުތައް އޮންނަ ގޮތުން ކުރިން ވެސް ދިމާވާ މައްސަލަތަކަށް އަދިވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ސަމާއު ވިދާޅުވިއެވެ.
ކައުންސިލްތަކަށް މިސަރުކާރުން ކުރާ ޖެއްސުމަށް އިޝާރާތް ކުރައްވާ ސަމާއު ވިދާޅުވީ ރައީސް ޔާމީނަކީ ލާމަރުކަޒީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ކަނޑައެޅިގެން އެނިޒާމާ ދެކޮޅު ބޭފުޅެއް ކަމަށެވެ. އެގޮތުން އެލްޖީއޭގެ ކުރީގެ ރައީސުންނަށް ތިއްބެވި ވަޒީރުން ވެސް އެހެން ވިދާޅުވެފައިވާ ކަމަށް ސަމާއު ވިދާޅުވިއެވެ.
ސަމާއު ވިދާޅުވީ ކިތައްމެ ވަރަކަށް މިއަދު ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އެކަން ބަދަލު ކުރައްވާނެ ކަމަށާއި ކައުންސިލަރުން ވެސް ކެތްކޮށްލަން ޖެހޭނީ ދުވަސްކޮޅަކަށް ކަމަށެވެ.
މާލޭގައި ޕާކްތައް ހެދުމަކީ މާލެއަށް ގެންނަ ބޮޑެތި ތަރައްޤީ ކަމަށް ސަރުކާރުން ދެކޭ ދެކުމަށް އިޝާރާތް ކުރައްވާ ސަމާއު ވިދާޅުވީ އެއީ ތަރައްޤީ ކަމަށް މާލޭ ރައްޔިތުން ނުދެކޭ ކަމަށާއި އެއަށް ވުރެ ބޮޑަށް މާލޭގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއް ކަމަށެވެ. އަދި ކުރީގެ އިންތިޚާބުތައް ފަދައިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް މާލޭ ރައްޔިތުން ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށް ވެސް ސަމާއު ވިދާޅުވިއެވެ.