ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިސް ވަފްދެއް ހޯމަ ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެ އަށް އަތުވެއްޖެއެވެ.
މި ވަފްދު ރާއްޖެ ޒިޔާރަތްކުރީ 2014 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދު ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށެވެ.
ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ "އިލެކްޝަން އޮބްޒަވޭޝަން މިޝަން"ގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް (އެމްއީޕީ) އެޑުއާޑް ކުކަން އެވެ.
2014 ގައި ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ ޔޫރަޕިއަން ޕާލިމަންޓްގެ ސޮލޮވާކިއާގެ މެމްބަރު އަދި އެގައުމުގެ ކުރީގެ ފޮރިން މިނިސްޓަރެވެ. އެ ވަފްދުން ވަނީ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހު އިންތިޚާބު އޮބްޒާވްކޮށްފައެވެ. އަދި އެ ދަތުރަ ފަހު އެ ވަފްދުން ވަނީ ހާއްސަ ރިޕޯޓެއް އެކުލަވާލައި ކުރިއަށް ހުރި އިންތިޚާބުތަކަށް ހާއްސަ ރިކޮމެންޑޭޝަންތަކެއް ދީފައެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތްކުރަމުން ގެންދާ އީޔޫގެ ވަފްދު ހުކުރު ދުވަހާ ހަމައަށް ރާއްޖޭގައި ތިބޭނެއެވެ.
މިދިޔަ އަހަރު އޮކްޓޯބަރުގައި ވެސް އީޔޫ ޕާލަމެންޓުގެ ވަފްދެއް ރާއްޖެ އައިސްފައިވެއެވެ. ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ވަފްދުން ރާއްޖޭގައި ހޭދަކުރި ދެ ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި، ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށްފައިވެއެވެ.