ޖުމްހޫރީ ޕާޓީއަށް ލީޑަރަކު ހަމަޖެއްސުމަށް ވުރެ ކުރިން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ބުއްދި ސަލާމަތުން ހުރި މީހަކު ލާން ޖެހިފައިވާ ކަމަށާއި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް އެވާހަކަ ދެއްކެވުން މާ އައުލާކަން ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި ސަމީރު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން އެޕާޓީގައި ޤާނޫނީ ގޮތުން ހަރަކާތްތެރިވާނެ ލީޑަރަކު ނުހުންނާނެ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓަކާ ގުޅޭގޮތުން ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ކޯޓުން ކޮށްފައިވާ ހުކުމާއެކު މިހާރު ޖޭޕީގައި ޤާނޫނީ ގޮތުން ހަރަކާތްތެރިވާނެ ލީޑަރެއް ނުހުންނާނެ ކަމަށެވެ. އަދި އަލުން ޖެހޭނީ ޖޭޕީގެ ކައުންސިލުން ނުވަތަ ކޮންގްރެސްއަކުން ނަމަވެސް ލީޑަރެއް ހޮވަން ކަމަށެވެ.
JP Leader Qasim Ibrahim, ah Court Kohffaivaa Hukumaa Eku Mihaaru JP ga Qaanoonee Gothun Harakaaiy theri vaane Leader eh Nuhunnaane. Alun leader eh Jeheynee JP Council in Nuvatha Congress akun namaves hovan. #LeaderAkuDhakkaa pic.twitter.com/pRM5GCex2l
— Ahmed Nihan (@ahmed_nihan) January 9, 2018
"ލީޑަރަކު ދައްކާ" މި ހޭޝް ޓެގާއެކު ނިހާން ކުރައްވާފައިވާ މި ޓްވީޓާ ގުޅިގެން ސަމީރު ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި މިވަގުތު ހުންނެވި ޢަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް އެމަނިކުފާނުގެ ކިބައިގާ ހުރިކަމަށް ޤަބޫލް ނުކުރެއްވޭ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރާ މީހެއްގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައިވާ ޤާނޫން އަސާސީގެ 109 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައި ވާންވާނެ ކަމަށެވެ.
އެމާއްދާއަށް އިޝާރާތް ކުރައްވާ ސަމީރު ވިދާޅުވީ ރައީސް ޔާމީން އިސްލާމް ދީނުގެ ހުކުމްތަކާއި ފުށުއަރާގޮތަށް ދައްކަވަމުންދާ ވާހަކަ ތަކުގެ ސަބަބުން އެމަނިކުފާނުގެ ބުއްދި ސަލާމަތުން މިހާރު ހުރިކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
އެގޮތުން ބެންކޮކުން ފައިސާ ދީގެން ހޯދޭ ހިލޭ އަންހެނުން ހަލާލުވާ ކަމަށާއި، ނޫހުގެ ފާނުގެ ނާކޮޅުގެ ވާހަކައިގެ އިތުރުން އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކަމެއް ކުރިނަމަވެސް ޤާނޫނަކުން ހުއްދަ ކޮށްފިނަމަ އެކަން ހުއްދަ ކުރާނެ ކަމަށް ވިދާޅުވުން ފަދަ ކަންކަމަކީ ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަ މީހަކު ބުއްދި ސަލާމަތުން ހުރެގެން ވިދާޅުވާނެ ވާހަކަ ތަކެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.
އެހެންކަމުން ސަމީރު ވިދާޅުވީ ނިހާން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް އެމަޤާމަށް ބުއްދި ސަލާމަތުން ހުރި މީހަކު ގެނައުމުގެ ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. އަދި އެއީ ޖޭޕީއަށް ލީޑަރަކު ހޯދުމުގެ ކުރިން މާއަވަހަށް ވެސް ކުރައްވަން ޖެހޭ ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.