ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުކަމަށްވާ އެންދެރިމާގޭގައި ސިފައިން ބައިތިއްބަނީ ރައީސް ޔާމީންގެ އަމިއްލަފުޅު އެޖެންޑާއެއްގެ ތެރެއިން ކަމަށް ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ރައީސް މައުމޫން މިހާރު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ އެންދެރިމާގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވެއެވެ. ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފެށީ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންނަން ގެއްލުންދޭ ބަޔަކު އުޅޭކަމުގެ މައުލޫމާތު މިހާތަނަން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް އެންދެރިމާގެ ސެކިއުރިޓީ ވަރުގަދަކޮށް އެގޭގައި ސިފައިން ބައިތިއްބަން ފެށީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ އަމިއްލަ އެޖެންޑާގެ ތެރެއިން ކަމަށް ނާދިރާ ވިދާޅުވިއެވެ.
Raees @maumoonagayoom ah gellun dheyn bayaku ulheykameh adhi libunu mauloomaatheh hissa kohffaeh neiy. Kulligothakah security varugadhakurikamah bunane sifain beythibbee Raees Yameen aai kaireega thibi campaign team ge amilla agenda ge therein.
— aminath nadira (@a_nadraa) January 9, 2018
މިހާރު 24 ގަޑިއިރު އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެމީހުން ތިބެއެވެ. ރައީސް މައުމޫނާއި ބައްދަލުކުރައްވަން އެ ގެއަށް ޒިޔާރަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ނަން އެމްއެންޑީއެފުން ނޯޓު ކުރާ ކަމަށާއި އެންދެރިމާގެއަށް ވަދެވެނީ އެމްއެންޑީއެފުން ބަލާ ފާސްކުރުމަށް ފަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.