އިންޓަލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށް، އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަން ނޯޓު ކުރުމަށް އެމްއެންޑީއެފްއިން ނިންމި ނިންމުން ނިމުމަކަށް ގެނަސް، އެކަން ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ހޯމަ ދުވަހުން ފެށިގެން ރައީސް މައުމޫން މިހާރު ދިރިއުޅުންވާ ގެކޮޅުކަމަށްވާ އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވާއިރު، އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަންތައްވެސް އެމްއެންޑީއެފުން އަންނަނީ ނޯޓުކުރަމުންނެވެ.
އެމްއެންޑީއެފްގެ އެ ނިންމުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޭގައި ބަންދުކޮށްފައިވާ ކަމަށް ސިފަ ކުރަމުން އަންނަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވިޓެއްގައި އެމްނިކުފާނު ވިދާޅުވެފައިވަނީ ސިފައިން ރައީސް މައުމޫން ދިރިއުޅުއްވާ ގެ ދޫކޮށް، އެ ގެޔަށް ވަންނަ މީހުންގެ ނަންތައް ނޯޓުކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
Military outside residence of former President Gayoom, reportedly noting down names of visitors. Soldiers should withdraw and cease such intimidation
— Mohamed Nasheed (@MohamedNasheed) January 9, 2018
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވި ގޮތުގައި މިހާރު 24 ގަޑިއިރު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެމީހުން ތިބޭ ކަމަށާއި، ރައީސް މައުމޫނާއި ބައްދަލުކުރައްވަން އެ ގެއަށް ޒިޔާރަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ނަން އެމްއެންޑީއެފުން ނޯޓު ކުރާ ކަމަށެވެ. އަދި އެންދެރިމާގެއަށް ވަދެވެނީ އެމްއެންޑީއެފުން ބަލާ ފާސްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާއި އެކު ދަތުރުކުރާ ސެކިއުރިޓީ ކާރުވެސް ސިފައިން ނެގިއެވެ.