ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފިއެވެ.
އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ، އެއިރުގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ހާނިމްގެ މައްޗަށެވެ. ސަފާ ރާއްޖެއިން ބޭރަށް ފޮނުވި އިރު، ހާނިމު ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުވާކޮށް މައްސަލައެއް ކޯޓަށް ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ދައުވާ ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރަން ޖެހެއެވެ.
ހާނިމާއި އާޒިމްގެ މައްޗަށް މަގާމު ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ސަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.
ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމުއާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.
ސަފާ ބޭރަށް ފޮނުވި މައްސަލައިގައި މި ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ސަފާއަށް އިއްވާފައިވާ ހުކުމް ބާތިލު ކޮށްފައެވެ.