އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ ޓީމެއް ފޮނުވުމަށް އެ ގައުމުން ތައްޔާރު ވެއްޖެކަމަށް ދެކުނުކޮރެއާއިން ބުނެފިއެވެ.
އެ ގައުމުން މިކަން ހާމަކޮށްފައިވަނީ ދެ އަހަރަށްވުރެ ގިނަ ދުވަހަށްފަހު ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށް އަންގާރަ ދުވަހު ބޭއްވި ފުރަތަަމަ ބައްދަލުވުމަށްފަހުއެވެ.
އުުތުރު ކޮރެއާގެ ވަފްދުގައި އެތުލީޓުންނާއި،އޮފިޝަލުން އަދި ސަޕޯޓަރުން ހިމެނެއެވެ.
މީގެ އިތުރުން ދެ ގައުމުގެގެ މެދުގައި ގާއިމްކޮށްފައިވާ އަސްކަރީ ހޮޓްލައިން ކަނޑާލާފައިވާތާ ދެ އަހަރަށް ފަހު ބުދަ ދުވަހު އަލުން އެ ހޮޓްލައިން ބޭނުން ކުރަންފަށާނެ ކަމަށްވެސް ދެކުނު ކޮރެއާއިން ބުނެއެވެ.
ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި އދގެ ކޮންޓްރޯލްގެ ދަށުގައިވާ ޑީމިލިޓަރައިޒްޑް ޒޯންގައި،ޕަންމުންޖޮމްގައި ވާހަކަތައް ކުރިޔަށްދާއިރު ލިބިފައިވާ ކުރިއެރުންތައް ދެކުނުކޮރެއާގެ އޮފިޝަލުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.
ޔުނިފިކޭޝަން މިނިސްޓްރީގެ ނައިބް ޗުން ހެއި ސުންގް ނޫސްވެރިންނަށް ވިދާޅުވީ ވިންޓަރ އޮލިމްޕިކްސްގައި އެތުލީޓުންގެ އިތުރުން އޮފިޝަލުންނާއި ފަންނާނުންނާއި،ކޮރެއަން މާޝަލް އާޓްސް ގެނެސްދޭ ޓީމަކާއި އޮބްޒަރވަރުންނާއި ސަޕޯޓަރުންވެސް ބައިވެރިކުރުމަށް އުތުރު ކޮރެއާއިން ހުށަހަޅާފައިވާކަމަށެވެ.
ދެކުނު ކޮރެއާއިންވަނީ 2006 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތެކޭ އެއްގޮތަށް މި ފަހަރު ޕިޔޮންގޗަންގައިވެސް ދެ ކޮރެއާގެ އެތުލީޓުން އެކުގައި މާޗް ކުރުމަށް ހުށަހަޅާފައެވެ.
ދެކުނު ކޮރެއާއިންވަނީ ކޮރެއާ ހަނގުރާމައިގައި ދެ ގައުމަށް ބެހި ވަކިވެފައިވާ އާއިލާތައް އަލުން ގުުޅުވައި ދިނުމަށް ބާރުއަޅާފައެވެ. ދެ ގައުމަށް ވެސް އަސަރުން ފުރިގެންވާ މިކަން ކުރުމަށް ހުށަހަޅާފައިވަނީ ކޮރެއާ އައު އަހަރުގެ ބަންދާ ދިމާކޮށެވެ. މި ބަންދު ދިމާވަނީ ވިންޓަރ އޮލިމްޕިކްސްގެ މެދުތެރެއަށެވެ.
މީގެ އިތުުރުން ދެކުނު ކޮރެއާއިންވަނީ އަސްކަރީ ކަންކަމާއި އުތުރު ކޮރެއާގެ ނިއުކްލިއަރް ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާތައް އަލުން ފެށުމަށްވެސް ހުށަހަޅާފައެވެ.
ދެކުނު ކޮރެއާއިންވަނީ އެ ގައުމުން އުުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ވަގުތީގޮތުން ނެގުމަށް ވިސްނަމުންދާކަމަށް ބުނެފައެވެ.